ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފިރިހެނަކު އަދި އިހުމާލުވިކަމުގެ ތުހުމަތުގައި ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އަޕާ ސައުތް ޑިވިޝަން (ގއ، އަދި ގދ) ގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މި މަހުގެ އެއްވަނަ ދުވަހު 46 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާ ކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ނާންގާ، ކުދިންނާމެދު އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ މަންމަ ވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރު ކުރި ކުއްޖާގެ މަންމައަކީ 49 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން ފިރިހެން މީހާ، މައްސަލަ ނިމެންދެން ބަނދުގައި ބަހައްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ މަންމައަށް 10 ދުވަހުގެ މުއްދަތެއް ކޯތުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލއާ ގުޅިގެން އަންހެން މީހާ ހަޔަރު ކުރުމުން އޭނާގެ ބެލުމުގެ ދަށުގައި ތިބި އެހެން ކުދިން ވަނީ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލަ ފުލުހުންނާއި ޖެންޑާއިން ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.