ގދ. ޕާކް ހަޔާޓް މޯލްޑިވްސް، ހަޑަހާ ރިސޯޓަށް ދިޔަ އެމެރިކާގެ ފަތުތުވެރިއެއް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ގދ. ޕާކް ހަޔާޓް މޯލްޑިވްސް، ހަޑަހާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައި އެމެރިކާ ފަތުރުވެރިއެއް ގެނބިގެން ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިރޭ 6:20 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މަރުވެފައިވާ ފަތުރުވެރިއާއަކީ އެމެރިކާއަށް އުފަން 59 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެފަރާތުން ބުނެއެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް އަންނަ ފަތުރުވެރިން މަރުވާ މައްސަލަ ގިނަވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ ނިވެމްބަރު މަސްތެރޭގައި ފީނަން ގޮސް އުޅުނު ޖަރުމަންގެ ފިރިހެން ފަތުރުވެރިއެއް ވަނީ މަރުވެފައެވެ. މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ 69 އަހަރުގެ އަންހެނަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ.