ދަރުމަވެރިޔާ އަދި ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާނަކީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާކުރިން ވެސް އަންގާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމެފައި ވަނީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާން ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅުމުން އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ކުރި ހުކުމް ހިޝާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް ހިޝާނެއް ވެސް އަދި ބެލެނިވެރިކަން ހޯދަން އެދޭ ފަރާތުން ވެސް ހާޒިރެއް ނުވެއެވެ. އެހެންކަމުން އިސްތިއުނާފުގެ މި މައްސަލަ ކޯޓުން ވަނީ ބާތިލްކޮށްފައެވެ. މައްސަލަ ބާތިލްކުރިކަން އިއުލާނު ކުރެއްވުމަށް ފަހު، ރިޔާސަތުން ބުނީ، މިއަދު ބާއްވަނީ ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށް ވިޔަސް އެކަން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

ރިޔާސަތުން ބުނީ ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކުރީ ހިޝާންއާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުން އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފައި ކަމަށެވެ. ނަމަވެސް، ބެލެނިވެރިކަން ހޯދަން އެދުނު ކުއްޖާ 2018 ވަނަ އަހަރުން ފެށިގެން އަދިވެސް އުޅެނީ ހިޝާންއާ އެކީގައި ކަމަށް ވެއެވެ. ހިޝާނަށް ތުހުމަތުކުރެވޭކަން އެނގޭ އިރު ވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ރިޔާސަތުން ވަނީ، ޖެންޑާ މިނިސްޓްރީން ކޯޓަށް ހާޒިރުވި ލީގަލް އޮފިސަރާ ސުވާލުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ހިޝާންގެ ގާތުގައި އަދިވެސް ހުންނަނީ މިހާރު އެއީ 18 ފުރިފައިވާ މީހަކަށް ވާތީ ކަމަށް ޖެންޑާ އިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ރިޔާސަތުން ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ހާއްސަކޮށް، ސިކުނޑީގެ އުނިކަމެއް ހުންނަ ނަމަ އުމުރުން 18 އަހަރު ވިޔަސް އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާ މެދު އަމަލުކުރާ އުސޫލުން ކަމަށެވެ. ހިޝާނަށް އެތައް ތުހުމަތުތަކެއް ކުރެވޭއިރު ވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލައި އެ ކުއްޖާ އަދިވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ، ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދީފައި ވަނީ ވެސް ޖެންޑާގައި، ހިޝާންއާ ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓައެވެ. އެކަން އެގޮތަށް ހިނގީ ކީއްވެތޯ ފަނޑިޔާރު ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. ކުއްޖާގެ މައްސަލަ 2015 ވަނަ އަހަރުން ފެށިގެން ޖެންޑާގައި އޮތްކަން، ފާހަގަކުރައްވަމުން ފަނޑިޔާރު ވިދާޅުވީ ހިޝާނަށް ގައުމީ އިނާމުތައް ދިނީ މި ހުރިހާ ތުހުމަތެއް އެނގިތިބެ ކަމަށާއި މިއީ މިކަން ވެގެން ވާނެ ގޮތް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުއްޖާގެ ރަޖިސްޓްރީ ވެސް ހިޝާންގެ ގެޔަށް ބަދަލުކުރަން އުޅޭ ކަމުގެ މައުލޫމާތު އެބަހުރި ކަމަށެވެ.

ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކޮށްފައި އޮތީ ބެލެނިވެރިކަން ނަގާ ފަރާތުގެ އާއިލާގެ ވެސް ރުހުން އޮއްވައި ކަމަށް ވާއިރު އެއީ ކީއްވެގެންތޯ ޖެންޑާ މިނިސްޓްރީން ސާފުކޮށްދޭންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި މައްސަލަ އިސްތިއުނާފުކުރީ ވެސް މި ނުކުތާ އަށް ބަލާފައި ކަމަށާއި އެކަން ސާފުކުރަން ޖެންޑާ މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސިޓީއެއް ފޮނުވުމުން އަދިވެސް ސިޓީ އަށް ޖަވާބު ނުލިބޭ ކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ އައީ ވެސް އެ ސިޓީއާ ގުޅިގެންކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކޯޓުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނީ، އެ އޮފީހުގެ ސަމާލުކަމަށް މައްސަލަ އަކީ 2018 ގައި ކަމަށެވެ. އަދި ހިޝާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މިދިޔަ ހަފުތާގައި ޕޮލިހަށް ހުށަހަޅާފައިވާ ކަމަށާއި ހަތަރު މީހަކު ހިޝާނާ ދެކޮޅަށް ބަޔާން ވެސް ދީފައިވާ ކަމަށެވެ. އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށް އެ އޮފީހުން ބުނެއެވެ،