ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެކުދިންގެ ދޮން ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 55 އަހަރުގެ ދިވެހި ފިރިހެނެއް އޭނާގެ ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިއަދު މެންދުރު 12:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދެ ކުދިންނާ ބެހިގެން 55 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވާއިރު، ދެކުނުގެ ރަށެއްގައި 14 އަހަރުުގެ ފިރިހެން ކުއްޖަކަށް މަންމައަކު ޖިންސީ ގޯނާކޮށް ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބުނެ ފުލުހުންނަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް މިއަދު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އިއްޔެ ވަނީ 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.