ރާއްޖޭގެ އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ 30 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ހުށަހަޅާފައިވަނީ ރޭ 7:30 ހާއިރު ކަމަށެވެ.

އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާ ކޮށްގެން ފުލުހަށް ހުށަހެޅޭ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކޮށްގެން މީގެ ކުރިންވެސް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މީގެ އިތުރުން ކުޑަކުދިންނާ ބެހިގެން ގިނަ މައްސަލަތަކެއްދަނީ ފުލުހުންނަށް ރިޕޯޓް ކުރެވެމުންނެވެ. އިއްޔެވެސް ވަނީ 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އެކުއްޖާއަށް ވަނީ އެކި ފަހަރުމަތިން ޖިންސީ ގޯނާ ކޮށްފައެވެ.