ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ގާއިމު ކުރަމުންދާ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައެއް ފަރާތްތަކަށް ނުގުޅޭތީ ދިރިއުޅުމުގެ ހާލަތު ނުބެލިފައިވާ ކަމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ބުނެފިއެވެ.
ފްލެޓް ކޮމިޓީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެ ކޮމެޓީގެ ފަރާތުން ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ފޯމުތަކުގައި ހުރި ބައެއް ނަމްބަރު ތަކަށް ނުގުޅޭ މައްސަލަ ދިމާވާ ކަމަށް ފްލެޓް ކޮމިޓީއިން ބުންޏެވެ. އެގޮތުން އެޗް13، އެޗް12، އެޗް5، އެޗް4 އަދި އެޗް15 ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލީ މީހުނަށް ނުގުޅޭ ކަމަށެވެ. އަދި އެ ފަރާތްތަކަށް ގުޅަން ތަކުރާރުކޮށް މަސައްކަތް ކުރި ކަމަށެވެ.
"ވީމާ، މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 މި ނަމްބަރާ ގުޅުއްވުމަށް ދެންނެވިން، އަދި އެ ނަންބަރުން ގުޅޭގޮތްނުވިނަމަ، އެސްއެމްއެސް އެއް ފޮނުއްވުމަށްވެސް ދެންނެވިން،" ފްލެޓް ކޮމިޓީއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ފްލެޓް ކޮމިޓީއިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހިޔާ މަޝްރޫއުގެ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަން ފަށައިފައެވެ.
ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތް ފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށްވުރެ ގިނަ އާއިލާ ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބި ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމެއް މިހާތަނަށް ސްކްރީން ކޮށްފައިވާ ކަމަށާއި ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.