ނުރައްކާތެރި ކޮރޯނާވައިރަހާ ކުރިމަތިލާފައި ވަނީ އެކަށީގެންވާ ފުރިހަމަ ދުވެލީގައި ނޫންކަމަށާ، އެންމެ ފުރިހަމަ ގޮތުގައި މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ޗައިނާގެ އިސް ލީޑާޝިޕުން އިއުތިރާފު ވެއްޖެއެވެ.

ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ ނުވަތަ 2019-އެންކޯވް އެންމެ ފުރަތަމަ އުފެދި، ހަލުވިކަމާއެކު ފެތުރެން ފެށީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ވޫހާންގައި، ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރުމަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދެއްގައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ ހުރިހާ ޕްރޮވިންސަކަށް މި ބަލި ފެތުރި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކާ ސަރަހައްދަކަށްވެސް މި ބަލި ފެތުރިގެން ދިޔައީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުންނާ، ޗައިނާއިން އެހެން ގައުމުތަކަށް ދަތުރުކުރި މީހުންގެ ފަރާތުން ކަމަށްވާއިރު، ގައުމީ ކުއްލި ހާލަތު ދަނޑިވަޅުތަކުގައި ކަންކަން މެނޭޖުކުރަމުންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް ޗައިނާގެ ޕޮލިޓްބިއުރޯ ސްޓޭންޑިންގް ކޮމިޓީއިން ވަނީ އިއުތިރާފުވެފައެވެ.

ޗައިނާއަކީ ޖެހުނު ކޮންމެ އެއްޗެއް ކަމުންދާ ގައުމެއްގެ ގޮތުގައި 'މަޝްހޫރު'ވެފައިވާ ގައުމަކަށްވާއިރު، ވަލުޖަނަވާރު ވިއްކާ ބާޒާރުތައް ރެއިޑް ކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އިއްޔެ އެކަނިވެސް އެގައުމުން މި ވައިރަހުގެ އަސަރުކޮށްގެން 64 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. މި އެންމެންވެސް މަރުވީ ހޫބޭ ޕްރޮވިންސުންނެވެ.

ނުރައްކާތެރި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ 2 ސަރަހައްދެއްގައި 10 ވަރަކަށް ދުވަހުގެ ތެރޭގައި 2 ހޮސްޕިޓަލު އެޅުމަށް ކުރި މަސައްކަތުގެ ތެރެއިން/ފޮޓޯ: އަނަދޯލޫ

ޗައިނާ ސަރުކާރުން މިހާރު ދަނީ ވޫހާންއަށް ދަތުރުކޮށްފައިވާ މީހުން ދިރިއުޅެމުންދާ ގެތަކުގެ ބޭރުން ބެރިކޭޑްޖަހާ، އެގޭގެ އަހުލުވެރިންނަކީ ވޫހާންއަށް ދަތުރުކޮށްފައިވާ ބައެއްކަން އަންގައިދޭ އިންޒާރުވެސް ޖަހަމުންނެވެ.

ރައީސް ޝީ ޖީންޕިންގް ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދެވި ޕޮލިޓްބިއުރޯގެ ސްޓޭންޑިންގް ކޮމިޓީގެ ބައްދަލުވުމުގައި 2019-އެންކޯވްއަކީ ޗައިނާގެ ވެރިކަން ހިންގުމުގެ ބާރުގެ ކަންކަން ހިނގަމުންދާ ގޮތުގެ 'ބޮޑު އިމްތިހާނު'ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ޗައިނާއަކީ ހަލުވި ދުވެލީގައި އުމްރާނީ ތަރައްގީ ގެނައުމުގެ ރެކޯޑް އޮންނަ ގައުމެކެވެ. 2019-އެންކޯވްއާއި ކުރިމަތިލުމަށްވެސް ހޫބޭ ޕްރޮވިންސްގައި 6 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އަޅާ، ހިދުމަތް ދޭން ފެށުމަށް ޗައިނާއިން އަމާޒު ހިފިއެވެ. ނަމަވެސް 10 ދުވަސްވީއިރުވެސް ހޮސްޕިޓަލުތައް ފުރިހަމައަށް އޮޕަރޭޓްކުރަން ފެށިފައި ނުވާއިރު، ކުށްލި ހާލަތުގައި ޗައިނާއިން އަމަލުކުރާ އުސޫލުތައް ހަރުދަނާ ކުރަންޖެހިފައިވާކަމަށް އެގައުމުގެ އިސްވެރިން މިއަދު ގަބޫލުކުރައްވައެވެ.