ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު ވަގުތީ ގޮތުން މަޑުޖައްސާލުމުގެ ފިކުރެއް އެގައުމުން ގެންގުޅޭ ކަމަށް ވިޔަފާރީ ޚަބަރުތައް ބުނެފިއެވެ.

ސައުދީއިން ތެޔޮ އުފައްދާ މިންވަރު މަޑުޖައްސާލަނީ، ސައުދީއިން އުފައްދާ ތެޔޮ އެންމެ ގިނަ އަދަދަކަށް އިމްޕޯޓްކުރަމުންދާ ޗައިނާގައި، ނުރައްކާތެރި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ކަމަށް އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)ގެ އޮފިޝަލުންނާ ހަވާލާދީ، ވޯލް ސްޓްރީޓް ޖާނަލް އިންވަނީ ރިޕޯޓްކޮށްފައެވެ.

އޯޕެކް މެމްބަރު ގައުމުތަކުގެ މަންދޫބުންގެ ބައްދަލުވުމެއް އަންގާރަ އަދި ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާ، އެ ބައްދަލުވުމަކީ މިކަމާ ބެހޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ބާއްވާ ބައްދަލުވުމެއް ކަމަށާ، އޯޕެކް ގައުމުތަކަށް އެއްބާރުލުންދޭ ގައުމުތަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ޚަބަރު ލިބެއެވެ.

އޯޕެކްގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން ސައުދީއިން ދަނީ އެގައުމުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ ޝިޕްމަންޓްއިން 500000 ފީފާ އުނިކުރުމަށް ވިސްނަމުންނެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކުގައި ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަށްވުރެވެސް ދަށަށް ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.