15 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި މިދިޔަ އަހަރުން ފެށިގެން އެކި ދުވަސް މަތިން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ މަހުގެ 10 ވަނަ ދުވަހު ފުލުހުންނަަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ކޯޓު އަމުތެއްގެ ދަށުން މިއަދު 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކަޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވަނީވެސް މިއަދެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި 55 އަހަރުގެ ދިވެހި ފިރިހެނެއް އޭނާގެ ދެ ދޮންދަރިންނާ މެދު ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި އަނިޔާ ލިބިފައި ވަނީ 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެކެވެ. އަދި ކުދިންގެ އައިޑެންޓިޓީތައް ރައްކާތެރި ކުރުމަށްޓަކައި އެ ކުދިންގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަ ދެ އަންހެން ކުދިންނަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، ނިމިދިޔަ ޖެނުއަރީ މަސް ތެރޭގައި މިފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.