ގއ. ކަނޑުހުޅޫދޫ އިން އުމުރުން ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ ދެ އަހަރުގެ ކުއްޖާގެ މައްސަލައާއި ގުޅިގެން ހަޔޔަރުކުރި 33 އަހަރުގެ މީހާގެ ބަންދަށް އިއްޔެއިން ފެށިގެން 15 ދުވަސް އިތުރު ކޮށްފައި ވާކަމަށެވެ.

އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ބަންދަށްވެސް 15 ދުވަސް ވަނީ އިތުރުކޮށްފައެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ކޮންމެ މީހަކަށް ކޯޓުން ވަނީ ޖަހާފައެވެ. މީގެކުރިންވެސް ކޯޓުން އެ ދެމީހުންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އެ ދެމީހުން ކަނޑުހުޅުދޫ އިން ހައްޔަރު ކުރީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ. އަދި އެފަހުން އެމީހުންގެ ބަންދަށް 15 ދުވަސްޖެހީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި އޭނާ ދިރުއެޅުމުން އައި ފްލެޓުން މިދިޔަ މަހު 17 ވަނަ ދުވަހެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕައަކަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ. އަދި މުނިކާފައަކީ 82 އަހަރުގެ މީހެކެވެ. ކުއްޖާގެ ކާފައަކީ މީގެކުރިންވެސް މިފަދަ އިތުރު މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. ނަމަވެސް އުމުރަށް ބެލުމަށްފަހު ފުލުހުން އޭރު އެމީހާ ދޫކޮށްލިއެވެ.