އިނގިރޭސިވިލާތުގެ ލަންޑަންގައި ފޭކު ގޮވާ އެއްޗިހި ގައިގައި ހަރުކޮށްގެން 3 މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކުރި މީހަކީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޖަލުން ދޫކޮށްލި މީހެއް ކަމަށް ޚަބަރު ލިބިއްޖެއެވެ.

އުމުރުން 20 އަހަރުގެ ސުދޭޝް އައްމާން، ޖަލުން ދޫކޮށްލާފައިވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެއީ ޓެރަރިޒަމްއާ ގުޅުންހުރި މައްސަލަތަކެއްގައި އޭނާގެ މައްޗަށް މީގެ ކުރިން އިއްވާފައި އޮތް 3 އަހަރާ 4 މަހުގެ ހުކުމެއްގެ 2 ބައިކުޅަ 1 ބައި ފުރިހަމަ ކުރުމުންނެވެ.

މިހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮރިސް ޖޯންސަން ވިދާޅުވީ، ޓެރަރިޒަމްގެ މައްސަލަތަކުގައި ޖަލު ހުކުމް އިއްވާފައިވާ ގައިދީން ހުކުމް ފުރިހަމަ ނުކޮށް ޖަލުން މިނިވަން ކުރުމުގައި އިނގިރޭސިވިލާތުން ގެންގުޅޭ އުސޫލުތަކަށް އަސާސީ ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް، މިއަދުގެ ވަގުތެއްގައި ފައްޓަވާނެ ކަމަށެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އަތުނުވާން ދުވަން އުޅުމުގެ ތެރޭގައި އިނގިރޭސިފުލުހުން ވަނީ އައްމާންގެ ގަޔަށް 3 ފަހަރެއްގެ މަތިން ބަޑިޖަހާ، އޭނާ މަރާލާފައެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ މިހާދިސާއާ ގުޅުންހުރި ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.