ޑރ. އަފްރާޝީމާއި ޒަރީރުގެ މަރުގެ މައްސަލާގައި، ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބެލި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ޖަލުގައި މަރުވި ހަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ދައުވާކުރަންޖެހޭ މީހުންނާ މެދު ދައުވާކުރުމުގެ ކަންކަން ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.

މަރު ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ޔާމީން ރަޝީދާއި އަހްމަދު ރިޟްވާން އަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މަރު ކޮމިޝަނުން ވަނީ ގޮތް ނޭނގޭ އެތައް މަރެއްގެ މައްސަލަ ބަލާ ތަހުގީގު ކޮށްފައެވެ. އެގޮތުން، އެ ކޮމިޝަނުން ތައްޔާރު ކުރި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ރިޕޯޓް އާންމުކޮށްފައިވާއިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާންގެ މަރުގެ ރިޕޯޓް ވެސް ވަނީ އާންމުކޮށްފައެވެ.

މި ރިޕޯޓްތަކުން ވަނީ، ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮން މިންވަރާ ބެހޭ ގިނަ މައުލޫމާތުތަކެއް އާންމުވެގެން ގޮސްފައެވެ.