ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން، މަޖިލީހުގެ ތަޅުމުގައި މިއަދު ރިޔާސީ ބަޔާން އިއްވަވާ ދެއްވާ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދު ކަމަށްވާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ބިލު ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ. ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު މި ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
މި ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ބިލު ހުށަހަޅާއިރު ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރި ރިޕޯޓު މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރައީސް ސޯލިހަށް ވަނީ އަރުވާފައެވެ. މިނިމަމްވޭޖް ނުވަތަ އެންމެކުޑަ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކަނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ރައީސް ސޯލިހް އެކުލަވާލެއްވީ މިދިޔަ މޭމަހުއެވެ. އެ ބޯޑުގައި ފަސް މެމްބަރުން ހިމެނޭއިރު މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މަދު ވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.
ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯއިން) އިން ކުރި ދިރާސާތަކާއި މިނިމަމްވޭޖް ބޯޑުގެ ނިންމުންތައް މިދިޔަ މަހު އިކޮނޮމިކް މިނިސްޓްރީއާ މިދިޔަ ޑިސެމްބަރުމަހު ވަނީ ހިއްސާކޮށްފައެވެ. މިނިމަމް ވޭޖާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދާދި ފަހުން ވިދާޅުވީ މިނިމަމްވޭޖުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާނެކަމަށާއި އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާގޮތްކަމަށެވެ.އޭނާ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖުން އަޅުގަނޑުމެންގެ މުޅި އިގްތިސާދަށާއި އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި އެހެންކަމުން ރަައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ބަހެއް ހިމަނާފަ މެނުވީ އެއަށް ނިންމުމެއް ނުނިންމަން ނިންމާފައިވާ ކަމަށެވެ. އަދި އުއްމީދަކީ އަންނަ މަޖިލީހުގެ ފުރަތަމަ ސެޝަންގައި މިނިމަމްވޭޖް ކަނޑައެޅިގެންދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.