މާލެ-ތިލަފުށި ބްރިޖުގެ ޑިޒައިން ކުރުމުގެ މަސައްކަތް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހް ވިދާޅުވީ، މާލެ-ތިލަފުށި ބްރިޖުގެ ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި އެ ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓާޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ އަމަލީ މަސައްކަތް، މިއަހަރު ފެށޭނެ ކަމަށެވެ. އަދި މި ބަނދަރު ތަރައްގީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، މިދިޔަ އަހަރުގެ ނިޔަލަށް 301 ވިޔަފާރިއަކަށް، ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައި ދީފައިވާ ކަމަށެވެ. އަދި މިއަހަރު ވެސް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސްއެމްއީ އިނޮވޭޝަން ފަންޑެއް މިހާރުވަނީ އިފްތިތާހުކޮށްފައެވެ. މި ފަންޑުގެ ތެރެއިން، ދިވެހި ޒުވާނުންގެ އީޖާދީ ހިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިއީ މިހާތަނަށް، ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީށް ސޯލިހް ވިދާޅުވީ، މިހާރު މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު، އަންނަ އޭޕްރިލް މަސް ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް މި ޕޯޓަލްއާ ގުޅާލެވި، އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް، އަންނަ އަހަރުގެ ތެރޭގައި، އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.