ލަންޑަންގައި 'ފޭކު' ގޮވާތަކެތި ހަރުކޮށްފައިވާ ޖެކެޓެއް އަޅައިގެން ހުރެ އާންމުންނަށް ވަޅިން ހަމަލާދީ ޒަހަމްކުރަމުންދިޔަ މީހާގެ ގަޔަށް އިނގިރޭސި ފުލުހުން ބަޑިޖަހާ މަރާލައިފިއެވެ.

ފުލުހުންގެ ބަޑީގެ ހަމަލާގައި އެ މީހާ މަރާލިއިރު، އޭނާ ވަނީ 3 މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްފައެވެ.

އިނގިރޭސިވިލާތުގެ ފުލުހުންވަނީ މިއީ ޓެރަރިޒަމްއާ ގުޅުންހުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރިވާ ތޭމްސްގެ ދެކުނުން އޮންނަ ސަރަހައްދުގައި ހިނގާދިޔަ މި ހާދިސާގައި ވަޅީގެ ހަމަލާގެ ޝިކާރައަކަށްވީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެ ތެރެއިން 1 އޮތީ ފުރާނައަށް ނުރައްކާވާ ހާލެއްގައިކަމަށް އިނގިރޭސިވިލާތުގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

މިފަހަރުގެ ހަމަލާ ދިން މީހާއާއި ބެހޭ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން ބުނި ގޮތުގައި ފޭކު ގޮވާތަކެތި ހަރުކޮށްގެން ހުރެ، ވަޅިއަކުން ހަމަލާދެމުންދިޔަ މީހާގެ ގަޔަށް އިނގިރޭސި ފުލުހުން 3 ފަހަރެއްގެ މަތިން ބަޑިޖެހިއެވެ. އެމީހާގެ ގަޔަށް ބަޑިޖަހާފައިވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ އަތު ނުވާން ފިލަން ދުވުމުގެ ތެރޭގައެވެ.

ލަންޑަންގެ މޭޔަރު ސޯދިގު ހާން ވިދާޅުވީ، ޓެރަރިސްޓުން މަސައްކަތް ކުރަމުންދަނީ ލަންޑަން ބައިބައިކުރުމަށް ކަމަށާ، ނަމަވެސް އެކަމުގައި ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށެވެ.

މިފަދަ ހާދިސާއެއް ލަންޑަންގައި އެންމެ ފަހުން ހިނގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.