ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓްެސްޓު ހެއްދުމަށް ފޮނުވި އެއްވެސް ސާމްޕަލް އެއް ކޮރޯނާ ވައިރަހަށް ޕޮޒިޓީވް ވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފައި ވަނީ ޖުމްލަ 3 މީހަކު ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ. އެއީ ވޭތުވެދިޔަ 14 ދުވަސްތެރޭގައި ޗައިނާ އަށް ޒިޔާރަތްކޮށްފައިވާ ބަޔަކަށް ވާއިރު، އޭގެ ތެރެއިން އެކަކީ ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވާ 20 އަހަރުގެ ޒުވާނެކެވެ. މި އެންމެނަކީ ވެސް ދިވެހިންނެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ރާއްޖޭގައި 3 މީހަކު ކަރަންޓީނު ކޮށްފައިވާއިރު، އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް އުފެދިގެން އައި، ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭޏުންވާ 7 ދިވެހިން ވަނީ މިއަދު އިންޑިއާގެ ފްލައިޓެއްގައި އިންޑިއާގެ ދިއްލީއަށް ގެންގޮސްފައެވެ. މި 7 ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަސް ވަންދެން ކަރަންޓީނު ކުރުމަށް ފަހުއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސް ގަދައަށް ފެތުރެމުންދާއިރު، މިހާތަނަށް 17000 އަށްވުރެ ގިނަ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 25 އަށް ވުރެ ގިނަ ގައުމަކުން މިބަލި ފެނިފައިވާއިރު، 362 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި 488 މީހުން ވަނީ ފަރުވާ ހޯދުމަށްފަހު، ބަލިން ރަނގަޅުވެފައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި، ދިވެހި ސަރުކާރުން ވަނީ ޗައިނާއިން އަންނަ ޑައިރެކްޓް ފްލައިޓްތައް ކެންސަލްކޮށްފައެވެ. އަދި ޗައިނާއިން އަންނަ ފަތުރުވެރިން ރާއްޖެ އައުން ވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. މިފަދަ ބަލި މަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި، ރާއްޖެ އޮތީ އެންމެ ތައްޔާރީ ހާލަތުގައި ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.