ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަން ފެށުމާއެކު، އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިމޭން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ރިޔާސީ ބަޔާން އިއްވަން ފެށުމާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކަކާއެކު ހިމޭން ކަމާއެކުއެވެ. އެ މެންބަރުން ތިއްބެވީ، އެ މެންބަރުންގެ ގޮޑިކޮޅުތަކުން ތެދުވެ ވެޑައިގެން، ރައީސް ސޯލިހް ކުރިމަތީގައެވެ.

ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރައްވަމުން ގެންދިޔަ ނަމަވެސް، ރައީސް ސޯލިހް ވަނީ ބަޔާން އިއްވެވުން ކުރިއަށް ގެންދަވާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، އެމަނިކުފާނަށް 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

ހުކުމް އިއްވާ، ޖަކު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ރައީސް ޔާމީންގެ ވަކީލުން ގެންދަވަނީ، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅައިގެންނެވެ. އަދި އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމުގެ ރައީސް ޔާމީންގެ ފަރާތުންވަނީ ބެއިލްގެ ފުރުސަތު ދިނުމަށާއި، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށް އެދިފައެވެ.