ޕަސެންޖަރުން ތިބި ކާރަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ދުއްވާފައި ދިޔަ ކާރެއް މަގުމަތީގެ ޓްރެފިކް ބާރު ބޮޑުވެގެން މަޑުކޮށްލި ވަގުތު އެ ކާރަށް ބަޔަކު ގެއްލިން ދިން މައްސަލައެއް މިއަދު 15:41 އެހާކަށްހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކާރަށް ގެއްލުން ދިނީ 10 މީހަކު ހިމެނޭ ގްރޫޕަކުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ކާރަށް ގެއްލުން ދިން އިރު އެ ކާރުގައި ދެ ޕަސެންޖަރުން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުން ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް މި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގާފައި ވާއިރު ދާދިފަހުން ޓެކްސީ ޑްރައިވަރެއްގެ އަތުން ފޭރެން އުޅެނިކޮށް ވަނީ އެ ޓެކްސީ ޑްރައިވަރު މަރާލާފައެވެ. ގާސިމް ހަސަން ނަމަކަށް ކިޔާ އެ ޑްރައިވަރު މަރާލި ގާތިލް މިހާރު ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އޭނާ ބުނީ ގާސިމް މަރާލީ ފޭރެން އުޅެނިކޮށް ހަޅޭއްލަވަން ފެށުމުން އެކަމާއި ބިރުން ކަމަށެވެ.