ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ފުރުސަތުގައި ކުޅިވަރާއި، ތައުލީމުގެ ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާނެ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ. އަހަރުގެ ކޮންމެ ކުއާޓަރެއްގައިވެސް ފަސް ޕްރޮޖެކްޓް ހިންގައެވެ. އެގޮތުން މި ކުއާޓަރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހުކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައިކަމަށާއި، އަދި މީގެ އިތުރުން ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އަދި މި ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް އެއް މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެ ފަންޑުގެ އެހީގައި ހިންގި މަޝްރޫއުތަކުގެ ތެރޭގައި އެކި ރަށްރަށުގައި ޕާކާއި ސްކޫލްތަކުގެ ލައިބްރަރީގެ އިތުރުން ސެން ކްލާސް ތަަރައްގީ ކުރުމާއި ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ހިންގުން ހިމެނެ އެވެ.