ކޮރޯނާ ވައިރަހާ ގުޅިގެން މިދިޔަ މަހު 26 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކެންސަލް ކޮށްފައި ވަނީ 11115 ބުކިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަދާ ހަމައަށް 11115 ބުކިން ކެންސަލް ކޮށްފައި ވާއިރު، 24759 ބުކިން އިތުރަށް ހައްދާފައިވާ ކަމަށެވެ. މިނިސްޓަރު މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ޖެނުއަރީ މަހު 151554 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވާއިރު، މިއަހަރު އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 173874 ފަތުރުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މަންޒިލަކަށް ވާއިރު، މި ދުވަސްވަރު ބްކިންތައް ކެންސަލްވެގެން މިދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެންނެވެ.

ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީވެސް ޗައިނާއެވެ. މި ދުވަސްވަރަކީ، ޗައިނީސް ނިއު އިޔާ ކަމަށް ވާއިރު، ކޮންމެ އަހަރަކުވެސް މިދުވަސްވަރު ރާއްޖެއަށް ދަތުރު ކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އާންމުކޮށް ގިނައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިެވހި ސަރުކާރުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.