ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ރާއްޖޭގައި ކަރަންޓީނު ކޮށްފައިވާ މީހުންގެ ޓެސްޓު ނަތީޖާ ލިބޭނީ މާދަމާގެ ވަގުތެއްގައި ކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކަރަންޓީނު ކޮށްފައިވާ މީހުންގެ ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނުކޮށްފައިވާއިރު، އެ ތިން މީހުންގެ ޓެސްޓު ސާމްޕަލްތައް ވެސް ވަނީ މިހާރު ޕޫނޭގައި ހުރި ލެބޯޓަރީއާ ހަމައަށް ފޯރާފައެވެ. އަދި ނިންމަންޖެހޭ ލިޔެކިއުންތަކުގް މަސައްކަތް ނިންމުމަށްފަހު މާދަމާގެ ވަގުތެއްގައި، ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖޭގައި ކަރަންޓީނު ކޮށްފައިވާ ތިން މީހުންނާ ބެހޭގޮތުން ރޭ ހެލްތް މިނިސްޓަރު ވިދާޅުވީ، އެ ތިން މީހުންގެ ފަރާތުންވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ. ނަމަވެސް ކަންކަން ނިންމާނީ ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ރާއްޖޭގައި 3 މީހަކު ކަރަންޓީނު ކޮށްފައިވާއިރު، އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް އުފެދިގެން އައި، ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭޏުންވާ 7 ދިވެހިން ވަނީ މިއަދު އިންޑިއާގެ ފްލައިޓެއްގައި އިންޑިއާގެ ދިއްލީއަށް ގެންގޮސްފައެވެ. މި 7 ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގައި ގާއިމްކޮށްފައިވާ ކަރަންޓީނުނ ފެސިލިޓީއެއްގައި 14 ދުވަސް ވަންދެން ކަރަންޓީނު ކުރުމަށް ފަހުއެވެ.

އިންޑިއާގެ ކަރަންޓީނު ފެސިލިޓީއަށް 7 ދިވެހިން ފޯރާނެ ކަމަށް ލަފާ ކުރާ ގަޑިއަކީ މިއަދު 12 ޖަހާއިރެވެ. އަދި އެ ފެސިލިޓީއަށް ދިވެހިން ދާއިރު، ރާއްޖެ ސަރުކާރުގެ ފަރާތުން، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއެވެ.

މިނިސްޓަރު ޝާހިދު ވަނީ، އެ 7 ދިވެހިން ވޫހާނުން ނެރެ، އިންޑިއާއާ ހަމައަށް ގެންދިއުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު އަދި އިންޑިއާއަށް ކަނޑައާޅާފައި ހުންނަވާ ރާއްޖޭގެ ސަފީރާއި ބެއިޖިނަށް ކަނޑައާޅަފައި ހުންނަވާ ސަފީރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިވަގުތު ޗައިނާގައި ތިބީ 43 ދިވެހިން ކަމަށެވެ.