ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމަށް ގުލްނާޒް މާހިރު އައްޔަންކޮަށްފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ބޭންކުގެ ސްޓެރެޓަޖީ އާ އެއްގޮތަށް ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވަގުތެެއްގައި ގުލްނާޒް ބޭންކާ ގުޅިވަޑައިގަތުމުން މަރްހަބާ ދަންނަވާ ކަމަށެވެ. އަލަށް އުފެއްދި ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމުން ވެސް ދައްކައި ދެނީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށް ޓިމް ސޯޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓިމް ސޯޔާ ވިދާޅުވީ، މި ދާއިރާއިން ގުލްނާޒު ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައި ބޭންކުން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ގުލްނާޒަކީ ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖްމަންޓް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ރެވެނިއު މެނޭޖްމަންޓްގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ބޭންކާއި ގުޅިވަޑައިގަތުމުގެ ކުރިން ގުލްނާޒް ވަނީ އުރީދޫގެ ހެޑް އޮފް ކަސްޓަމާ ކެއާގެ މަގާމު ފުރުއްވާފައެވެ. އަދި ގުލްނާޒް ވަނީ ޔޫކޭގެ ޔުނިވާސިޓީ އޮފް ބްރިސްޓޮލް އިން އިކޮނޮމިކްސް އެންޑް ފައިނޭސްއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ.

ބީއެމްއެލްގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނަށް ވީއިރު، މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުވެސް މެއެވެ. މީގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދެމުންގެންދާ އެއް ކުންފުނި ގޮތުގައި ބީއެމްއެލް ވަނީ ފާހަގަކުރެވިފައެވެ.