އެންމެ ގަދައަށް ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވި 7 ދިވެހިން، އިންޑިއާގެ ފްލައިޓެއްގައި އިންޑިއާއަށް ގެންގޮސް ކަރަންޓީން ކޮށްފިއެވެ.

އިންޑިއާގައި ކަރަންޓީން ކުރި 7 ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ދިއްލީގައި 14 ދުވަހު ބޭތިއްބުމަށް ފަހުއެވެ. މި 7 ދިވެހިން ދިއްލީއަށް ގެންދިޔައީ، ވޫހާނުގައި ތިބި އިންޑިއާގެ 323 މީހުން ބަލާ، ވޫހާނަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގައެވެ.

މިކަމާ ގުޅިގެން ޗައިނާއާ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ރާއްޖޭގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޝުކުރު ދަންނަވާފައިވެއެވެ. އަދި މިކަމާ ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ރައްޔިތުން ބަލައި ވޫހާނަށް ދިޔަ ފްލައިޓުގައި ދިވެހިން އެ ގައުމަށް ގެންދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ މިސާލެއް ކަމަށެވެ.

އިންޑިއާއާ ގުޅިގެން ވޫހާނުގައި ތިބި ދިވެހިން އިންޑިއާއަށް ގެންގޮސްފައި ވާއިރު، މިފަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންދެވޭނީ ބޭރުގެ ކޮންމެވެސް ގައުމަކާ ގުޅިގެން ކަމަށް މިނިސްޓަރު ޝާހިދު ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. ނަމަވެސް، ނޫސްވެރިންގެ ސުވާލުތަކާ އެކު ވެސް، އެއީ ކޮން ގައުމެއް ކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރައްވާފައެއް ނުވެއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ މުހިންމު ދެ ނިންމުމެއް ނިންމާފައެވެ. އެއީ ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ފްލައިޓުތަކުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރެއް ދިވެހިންވެސް ރާއްޖެއިން ބޭރަށް ނުކުރުމަށް ނިންމާފައިވާ ނިންމުމެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ވަނީ ޖުމްލަ 3 މީހަކު ކަރަންޓީން ކޮށްފައެވެ.