މިއަދު ކަނޑުމަތީގައި ދެ އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުލެ ފެރީއަކާއި ދިއްފުއްޓަށް ދަތުރުކުރާ ލޯންޗެއް ޖެހިގެން ކަމަށެވެ. އެހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި އެހާދިސާގައި ލޯންޗްގައި އިން އެކަކަށް އަނިޔާވެފައި ވާ ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވިލިމާލެ ފެރީއަކާއި ވިލާ ގޭސް ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވާކަމުގެ މައުލޫމާތު މިރޭ 19:24 ހާއިރު ލިބިފައިވާ ކަމަށެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ ހާދިސާގައިވެސް އުޅަނދު ދުއްވަންް ތިބި ފަރާތްތަކަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މި ދެހާދިސާވެސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.