ނުރައްކާ ދަރަޖައަށް ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދިއުމުގެ ސަބަބުން ކަރަންޓީނުކޮށްފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައިވާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން 324 މީހަކު އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

ވޫހާންގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓް މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ޖައްސާފައި ވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 07:30 ގައެވެ.

މި ފްލައިޓްގައި މުޅިންހެންވެސް ގެނެސްފައިވަނީ ވޫހާންގައި ތިބި ކިޔަވާ ކުދިންނެވެ. އެ ހުރިހާ އެންމެންވެސް މިހާރު ތިބީ ނިއުދިއްލީއާ ދާދި ކައިރީގައި އޮންނަ އަސްކަރީ ބޭސްއެއްގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައެވެ. ކޮރޯނާވައިރަހުގެ އަލާމާތްތައް ފެންނަ މީހުން ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ދިއްލީގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭހުގެ ހޮސްޕިޓަލަކަށް ކަމަށް ޚަބަރު ލިބެއެވެ.

ކަރަންޓީނު ފެސިލީޓީގައި މި އެންމެންވެސް 14 ދުވަސް ހޭދަ ކުރަންޖެހެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ސިއްހީ ހާލަތު ދެނެގަތުމަށް ޓެސްޓުތަކެއް ހައްދާނެ ކަމަށާ، ކޮރޯނާވައިރަހުގެ އެއްވެސް އަލާމާތެއް 14 ދުވަހުގެ ތެރޭގައި ނުފެނިއްޖެނަމަ އެއިން ކޮންމެ މީހަކަށްވެސް އަމިއްލަ ގެއަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ގެއަށް ބަދަލުވި ކަމުގައި ވީނަމަވެސް ކަމާބެހޭ ފަރާތްތަކުން އެ މީހުންގެ ސިއްހީ މައުލޫމާތު މޮނިޓާ ކުރަމުންދާނެ ކަމަށާ، ފޮލޯއަޕް ހެދުމަށްވެސް ވަކި ތާރީހުތަކެއް ކަނޑައަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ވޫހާންގައި ތާށިވެފައިވާ އިންޑިއާ ރައްޔިތުންގެ ތެރެއިން 324 މީހަކު އަނބުރާ ގައުމަށް ގެނެސްފައި މިވަނީ، ޗައިނާގައި ކިޔަވަން ހުރުމަށްފަހު ގައުމަށް އެނބުރި އައި ދަރިވަރެއްގެ ގައިން ކޮރޯނާވައިރަހުގެ އަސަރު ފެނިފައިވާކަން ކަށުވަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ގައުމުތަކުން ވޫހާންގައި ތާށިވެފައިވާ އެގައުމުތަކުގެ ރައްޔިތުން އެ ސަރަހައްދުތަކުން ނެރެ، އަމިއްލަ ގައުމަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތަށް ބަދަލު ކުރާ ހުރިހާ އެންމެންވެސް އެންމެ ފުރަތަމަ ބައިތިއްބަނީ ކަރަންޓީނު ފެސިލިޓީއެއްގައެވެ. ކަންމިހެން އޮތްއިރު، ގައުމުތަކަށް އެތެރެވާ ޗައިނާ ރައްޔިތުންނަށް އޮން-އަރައިވަލް ފްރީ ވިސާ ދޫކުރުން ހުއްޓާލުމާ، ފާއިތުވީ ދުވަސްތަކުގައި ޗައިނާއަށް ދަތުރުކޮށްފައިވާ ފަރާތްތަކަށް ގައުމަށް ނުވަދެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތަކެއް ގިނަ ގައުމުތަކަކުން ދަނީ ތަންފީޒު ކުރަމުންނެވެ.