މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން އުފެދި، ޗައިނާއާއި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު 250 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެގައުމުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ރަސްމީ ރެކޯޑް އަދަދަކީ 259 އެކެވެ. އަދި ޗައިނާއިން އެކަނިވެސް 11791 މީހުން މި ވައިރަހަށް މިހާރު ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކުރެވިފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، 102000 އެއްހާ މީހުން އަދިވެސް ތިބީ އޮބްޒަވޭޝަންގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކާ ސަރަހައްދުތަކަކަށް މި ވައިރަސް ފެތުރިފައިވާއިރު، އެ ގައުމުތަކުން ދަނީ ޗައިނާއަށް ދަތުރުކުރުމާ ދެކޮޅަށް ހަރިކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ޗައިނާއިން އެގައުމުތަކަށް، އެއްގަމާ، ކަނޑާ ވައިގެ މަގުން އަންނަ ފަސެންޖަރުން ނުވެއްދުމަށްވެސް ގިނަ ގައުމުތަކަކުން މިހާރު ދަނީ ނިންމަމުންނެވެ.

ގަވައިދާ ހިލާފަށް ވަލުޖަނަވާރު ވިއްކަމުންދިޔަ ސީފުޑް ބާޒާރަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު އުފެދުނު، ނުރައްކާތެރި ކޮރޯނާވައިރަހުގެ އާ ރޯގާ (2019-އެންކޯވް)އަދި މިހާތަނަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، އެ ވައިރަހުން ދިފާއުވާނެ ވެކްސިންއެއްވެސް އުފެއްދިފައެއް ނުވެއެވެ.