ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޕޭމަންޓްގެ ތަފްސީލު ބެލޭނެގޮތް ހަމަޖައްސައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކީމް ތަންފީޒުކުރަން ފެށިއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ބައެއް ދަރިވަރުން ވަނީ އަމިއްލަ ހަރަދުގައި ކޯސް ފީ ދައްކާފައި ކަމަށާއި، ސަރުކާރުން ނިންމީ ދަރިވަރުން ދައްކާފައިވާ ފީގެ ތަފްސީލާއެކު މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ސްޓޭޓް ރޭޓުން ފީ ރީފަންޑް ކޮށްދިނުން ކަމަށެވެ. އެގޮތުން ރީފަންޑްގެ ގޮތުގައި 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފީ ރީފަންޑްކުރުމަށް ތިން ފަހަރެއްގެ މަތިން މިނިސްޓްރީއިން މުއްދަތު އިތުރުކޮށް ދިންކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ޕޯޓަލް މެދުވެރިކޮށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޕޭމަންޓްގެ ތަފްސީލު ބެލޭނެގޮތް ހަމަޖައްސައި ދީފައިވާ ކަމަށެވެ. އަދި މި ތައާރަފްކުރެވުނު ޕޯޓަލް މެދުވެރިކޮށް، ދަރިވަރުންގެ އެކަޑަމިކް އަހަރަށް ކަނޑައަޅާފައިވާ ސްޓޭޓް ރޭޓު ހަމަވެފައި ނުވާނަމަ، އިތުރު ޑޮކިއުމަންޓެއް ދަރިވަރު މިނިސްޓްރީއަށް ހުށަހެޅުމަކާ ނުލާ މިނިސްޓްރީއިން ދަރިވަރަށް ފީ ރީފަންޑް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިސްކީމް ތަންފީޒުކުރަން ފެށުނީ ދަރިވަރުންގެ ކިޔެވުމުގެ ހަރަދު މަރުކަޒުތަކަށް މިނިސްޓްރީއިން ދޫކުރާ އުސޫލުންނެވެ. އެގޮތުން، 35 މިލިއަނަށްވުރެ ގިނަ ރުފިޔާ މިނިސްޓްރީއިން މަރުކަޒުތަކަށް ދޫކޮށްފައި ވާކަމަށާއި، އެހެންނަމަވެސް، ބައެއް މަރުކަޒުތަކުން އިންވޮއިސް ލިބުން ލަސްވުމުގެ ސަބަބުން އިދާރީ މަސައްކަތްތައް ބުރޫއަރަމުން ދިޔުމާއި، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މިނިސްޓްރީއިން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އުސޫލު ބަދަލުކޮށް، ސީދާ ދަރިވަރަށް ފައިސާ ދޫކުރުމަށް ނިންމިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ދަރިވަރަށް ފައިސާ ދޫކުރުމަށްޓަކައި ފަންޑް ރިކުއެސްޓް ފޯމެއް ފުރުމަށްފަހު މިނިސްޓްރީއަށް އީމެއިލްކުރުމަށް ދަރިވަރުންނަށް އެންގުނެވެ.

މި އިންތިޒާމުގެ ތެރެއިން އެކަޑަމިކް އަހަރަކު 2 ފަހަރު ދަރިވަރުންނަށް ފައިސާ ދޫކުރެވޭނެއެވެ. ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ތައާރަފްކުރެވުނު މި ޕޯޓަލްގެ ނިޒާމާއިއެކު، ދަރިވަރުން ފޯމެއް އީމެއިލްކުރުމަކާނުލާ، ދަރިވަރު އެޕްލިކޭޝަންއާއިއެކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކަޑަމިކް އަހަރުގެ ފުރަތަމަ ޕޭމަންޓް ދަރިވަރުގެ އެކައުންޓައް ޖަމާކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ޕޭމަންޓް ދޫކުރުމަށްފަހު، ދެން ކޮންމެ ޕޭމަންޓެއްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފީ ދެއްކި ކަމުގެ ރަސީދު ދަރިވަރުން [email protected] އަށް އީމެއިލްކުރުމުންކަމަށާއި، އީމެއިލްގެ ސަބްޖެކްޓްގައި އެ ދަރިވަރެއްގެ ފުރިހަމަ ނަމާއި އައިޑީ ނަންބަރު ލިޔުއުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީންވަނީ އެދިފައެވެ.

ނިމިދިޔަ އަހަރު މިނިސްޓްރީއަށް ހާޑް ކޮޕީގެ ގޮތުގައި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތައް ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާނަމަ، ލަސްނުކުރައްވާ myedu.egov.mv މެދުވެރިކޮށް ރަޖިސްޓްރީވުމަށް މިނިސްޓްރީއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަރިވަރުންގެ ޕޭމަންޓްގެ މައުލޫމާތު ޕޯޓަލްގެ MY PAYMENTS އިން ފެންނަން ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ޕޭމަންޓްތަކުގެ ސްޓޭޓަސް ބަދަލުވަމުންދާނީ ދަރިވަރަށް ޕޭމަންޓް ދޫކުރަމުންދާ ތަރުތީބުންކަމަށާއި، މި ތަރުތީބަކީ އަހަރުގެ ފުރަތަމަ މަހުން ކޯސް ފަށާފައިވާ ދަރިވަރުންނަށް ފުރަތަމަ ޕޭމަންޓް ޖަމާވާގޮތްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ޑިޖިޓަލްކޮށް މަސައްކަތްތައް ބައްޓަންކޮށް، މައުލޫމާތު ޕްރޮސެސްކުރުމަށް ނަގާ ވަގުތު މަދުކޮށް، ދަރިވަރުންނަށް އަވަސް ހިދުމަތްތަކެއް ދިނުން ކަމަށެވެ. އަދި ދަރިވަރުންނަށް ދޫކުރާ ފައިސާއަށް ދަރިވަރުން ޒިންމާވާކަން ކަށަވަރުކޮށް، ގިނަ ދަރިވަރުންތަކަކަށް މި ފުރުސަތު ފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަމުގައި ދެކޭކަމަށާއި، މިކަމަށްޓަކައި މި ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންވެސް އެއްބާރުލުންދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީންވަނީ އެދިފައެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒުކުރަން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މި ސްކީމް ތަންފީޒުކުރަން ފެށިފަހުން ސްކީމް ހިންގުމުގެ ނިޒާމް ހަރުދަނާކުރުމުގެގޮތުން ސްކީމަށްވަނީ ގިނަ ބަދަލުތަކެއް ގެނެވިފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވުނެވެ. މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކީމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދިއައެވެ. ޖުމުލަ 5600 އަށްވުރެ ގިނަ ދަރިވަރުންދަނީ މިއަދު މި ސްކީމްގައި ކިޔަވަމުންނެވެ. މިއަދު މި ތައާރަފްކުރެވުނު ޕޯޓަލްގެ ނިޒާމަކީ އެޕްލިކޭޝަންވެސް ހުށަހަޅާ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، ދަރިވަރުންގެ ކޯހުގެ ފީ ޕޭމަންޓް ސްޓޭޓަސް ބެލޭނެ ނިޒާމެކެވެ.