މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. މާމެންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި އަންދާލައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މި ވޯޓުފޮށިތައް އަންދާލި ސަރަހައްދުގައި ގިނަ އަދެއްދެއްގެ މީހުން އެތަން ވަށައިގެން އެއްވެފައި ތިބި މަންޒަރެވެ. އަދި ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް ނަގައި އަންދާލި މަންޒަރެވެ. އަދި އެކަން ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

ގއ. މާމެންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި އަންދާލާފައި ވާއިރު، އެމްޑީޕީ ޕްރައިމަރީގެ ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. މާލެ ސިޓީގައި ދިރިއުޅޭ ގއ. އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވޯޓު ފޮށިތައް ބަހައްޓާފައި ހުރީ ކަލާފާނު ސްކޫލުގައެވެ. މައްސަލަ ހޫނުވީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު ގޮސް ވީދާލުމާ ގުޅިގެންނެވެ. އެހިސާބުން އެ ސަރަހައްދަށް މީހުން އެއްވިއެވެ. އަދި އަޑުގަދަކުރަން ފެށުމުން ވޯޓުލުން މެދުކަނޑާލިއެވެ.

އެގޮތުން އިދާރީ މޭޒު ކައިރިއަށް އެއްވެފައި ތިބި ބައެއް މީހުން ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނަމުންނެވެ. ބައެއް ފަރާތްތަކުން އަންނަނީ ވޯޓު ފޮއްޓަށް "ވަގު ވޯޓު" އެޅި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ. ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް މިހާރު ވަނީ އެ ސަރަހައްދުން ގެންގޮސްފައެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތުވެސް ވަނީ އިތުރުކޮށްފިއެވެ. އެގޮތުން އެމްޑީޕީގެ ވޯޓުލުން ކުރިޔަށް ގެންދިއުމަށް މީގެކުރިން ނިންމާފައި ވަނީ މިރޭ 19:00 އާއި ހަމައަށެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީގެ ޕްރައިމަރީއަށް ވޯޓުލުމުގެ ވަގުތު މިރޭ 9:30 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30ގައެވެ. އެވަގުތު މާލެ ސިޓީ ހިމަނައިގެން 93 ރަށެއްގައި ވޯޓުލުން ފެއްޓިއެވެ. މި އިންތިހާބުގައި އެމްޑީޕީން ވަނީ 169 ވޯޓު ފޮށި ބަހައްޓާފައެވެ. މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފައެވެ.