މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމަށް ކުރިޔަށް ގެންދިއުމަށް މީގެކުރިން ނިންމާފައި ވަނީ މިރޭ 19:00 އާއި ހަމައަށެވެ. ނަމަވެސް އެމްޑީޕީން ވަނީ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށްބުނެ ޓްވީޓެއް ކޮށްފައެވެ. އެޓްވީޓުގައި ބުނެފައިވަނީ އެމްޑީޕީގެ ޕްރައިމަރީއަށް ވޯޓުލުމުގެ ވަގުތު މިރޭ 9:30 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ބައިވެރިވެވަޑައިގެން ވޯޓުލައްވާފައެވެ. އެގޮތުން ރައީސް ސޯލިހް ވޯޓުލެއްވީ އިސްކަންދަރު ސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި ވޯޓުލުމުގައި ބައިވެރިވެވަޑައިގެން ވޯޓު ލައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު، މި ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާއިރު، 169 ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި 90،000 އަށްވުރެ ގިނަ މީހުނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެއެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީއަކާ ނުލައި 389 ކެންޑިޑޭޓަކަށް ޓިކެޓު ކަށަވަރުކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާނެކަން ވަނީ އިއުލާންކޮށްފައެވެ. އެޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.