ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން މީޑިއާތަކުން ފަތުރާ ހަބަރުތަކަކީ ތެދު ސައްހަ މައުލޫމާތުކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ހަބަރާއި މައުލޫމަތު ފެތުރުމުގައި ސައްހަ މައުލޫމަތު ފެތުރުމަށް މީޑިއާތަކުން ސަމާލުކަން ދޭންޖެހޭނެ ކަމަށާއި، އެގޮތުން ހުރިހާ މީޑިއާތަކުންވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިތުރަށް ބިރުވެރިކަން ނުއުފެދޭނެ ގޮތަކަށް ވިސްނުމަށާއި، ރާއްޖޭގެ އިގްތިސާދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ހަބަރާއި މައުލޫމަތު ފެތުރުމަށް އިސްކަންދޭން ޖެހޭނެކަމަށެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ހިސާބުތަކަށް ރިއާޔަތްކުރުމަށް އިސްކަން ދިނުމަށްވެސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައެވެ.

އަދި ގައުމަށް ދިމާވާ މިފަދަ ހާދިސާތަކުގައި މީޑިއާތަކުން މިހާތަނަށް އަމަލު ކޮށްފައިވާ ޒިންމާދާރުކަން މީޑިއާ ކައުންސިލުން ބަލައިގަންނަކަމަށާއި، އެގޮތުގައި މިހާލަތުގައިވެސް ދެމި ތިބުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.