މިއަދަކީ ރާއްްޖޭގެ ޑިމޮކްރަސީގެ ރީތި އުސޫލުތައް ދައްކުވާދޭނެ ދުވަހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެޕާޓީން ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް އިޝާރާތް ކުރައްވަމުންނެވެ. މިއަދުގެ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާއިރު މި ކެންޑިޑޭޓުންނަށް ވޯޓުލުމަށް 169 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީ އިންތިހާބުގެ ދުވަސް ކަމަށާއި، މިދުވަހަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިންގާނެ ދުވަސްކަމަށެވެ. އަދި އެމްޑިޕީގެ އެތައް ހާސް މެންބަރުންތަކެއް ނިކުމެ ވޯޓްދީ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދައްކުވާ ދެއްވާނެ ދުވަހެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ހަމައެކަނި މާލެސިޓީގައިވެސް 8 ތަނެއްގައި ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. އޭގެތެރެއިން އެންމެ ވޯޓު ފޮއްޓެއް ފިޔަވާ ދެންހުރި ހުރިހާ ވޯޓު ފޮށިތަކަކީ މާލޭސިޓީގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށިތަކެކެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ. ޝަކުވާ ބަލާ ކޮމެޓީގައި ހިމެނެނީ މަހުފޫޒު ސައީދާއި މޫސާ އަލިމަނިކު އަދި ފާތުމަތު ޝަހީދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ބުނީ، ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ގުޅާނީ، 7584400 ނަމްބަރު ފޯނަށް ކަމަށެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.