ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ޝައްކު ކުރެވިފައިވާ ދިވެހި މީހާ ކަރަންޓީން ކުރުމުގައި ސިފައިން ކުރި މަސައްކަތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ޝުކުރު އަދާކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ، ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ދިވެހި ޒުވާނާ އެކަހެރިތަނަކަށް ބަދަލުކުރުމުގައި އެހީތެރިވި އަންހެން އަދި ފިރިހެން ސިފައިންނަށް ހެޔޮ ދުއާކުރައްވާފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދިން ސިފައިންނާއި، އެ ސިފައިންގެ އާއިލާތަކަށް ރައްކާތެރިކަން ދެއްވުމަށާއި ބަލި މީހާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މިނިސްޓަރު ވަނީ ދުއާ ކުރައްވާފައެވެ.
މިކަމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމަށް ދިމާވާ މިފަދަ ކޮންމެ ކާރިސާއެއްގައި އެހީތެރިވުމަށް ދިވެހި ސިފައިން އަބަދުވެސް އެންމެ ކުރީ ސަފުގައި ތިބޭނެ ކަމަށެވެ. އަދި ސިފައިންގެ އެންމެ އިސް ވާޖިބަކާއި ގައުމާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށް ޝަމާލްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެކަމަށް އިއުލާންކޮށްފައި ވަނީ ރޭ މިކަމަށް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.
ހެލްތް މިނިސްޓަރު ވިދާޅުވީ، ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހެއް ރާއްޖެއިން ފެނިފައިވާ ކަމަށާއި، އޭނާއަކީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ރާއްޖެއިން ކޮރޯނާއަށް ޝައްކުކުރެވޭ މީހާ ވަނީ މި ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ޗައިނާގައި އޭނާ ދިރިއުޅުނު ސަރަަހައްދުން މީޓް މާކެޓަކަށް ގޮސްފައި ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ އައިސްފައި ވަނީ ޗައިނާގެ ޒިއާމިންގް ސިޓީއިން ކަމަށާއި އަދި އޭނާ ރާއްޖެއަށް އައިސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އޭނާ ރާއްޖެއަށް އައުމުން ސްކްރީން ކުރި އިރު ހުން ނެތް ކަމަށާއި ފަހުންވެސް ޓެސްޓު ކުރި އިރު އޭނާގެ ހުން ނެތް ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން އިތުރަށް ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗް އިން ސްޕެޝަލިސްޓުންގެ ޓީމެއް ގޮސް އޭނާ ބެލި އިރު އޭނާ ހުރީ ރޯގާ ޖެހިފައި ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. ޒިޔާން ވިދާޅުވިއެވެ. އަދި އޭނާގެ ޓެސްޓް ކްލިއާ ކަމަށާއި އޭނާ ރާއްޖެއަށް އައި ގޮތަށް ގޮސްފައި ވަނީ ސީދާ ގެއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ހުރީ ހަމައެކަނި އަރިދަފުސް ރޯގާ ޖެހިފައި ކަމަށާއި އޭނާއަކީ ގޭގައި މަޑުކޮށްގެން ވެސް ފަރުވާ ދެވޭނެ މީހެއް ކަމަށް ޑރ. ޒިޔާން ވިދާޅުވިއެވެ.
އޭނާ އިތުރު ތަނަަކަށް ގޮސްފައި ނުވާ ކަމަށާއި އެހެން ބަޔަކަށް އެކްސްޕޯސް ނުވާ ކަމަށް އަމީން ވިދާޅުވިއެވެ. 20 އަހަރުގެ މީހާގެ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު އާއިލާއަށް ދޭންޖެހޭ މައުލޫމާތުވެސް ދީފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ. ޗައިނާއިން އެ ޒުވާނާ ދިޔަ ޕްރޮވިންސްގައި މި ބައްޔަށް ޝައްކުކުރެވޭ 103 މީހަކު ހުރި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެ ޕްރޮވިންސްގައި ތިބި މީހުންގެ ތެރެއިން މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަދި މިހާރު އޭނާގެ ބްލަޑް ސާމްޕަލް ނަގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި، އެދިވެހި ފިރިހެން މީހާ މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައި ކަމަށް އަމީން ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސްއިން ރައްކާތެރިކުރުމަށް ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިހާރު ޗައިނާއިން ރާއްޖެއަށް އަންނަ ޑައިރެކްޓް ފްލައިޓްތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މިމީހާ ރާއްޖެ އައިސްފައި ވަނީ ރޭގައި ކަމަށް އަމީން ވިދާޅުވި އިރު، ޗައިނާގެ ފްލައިޓްތައް ކެންސަލް ކުރި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހެލްތު މިނިސްޓަރު އަމީން އިއްޔެ ރޭ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އިއުލާނު ކުރެއްވިކަން ފާހަގަ ކުރެވެއެވެ.