ޖަލު ހުކުމެއް ތަންފީޒުކޮށް ނުނިންމަވާ ގައުމުން ބޭރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލުކޮޅާ ގުޅޭ އެންމެ ފަހުގެ ތަފްސީލީ މެޑިކަލް ރިޕޯޓްތައް، 72 ގަޑިއިރުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ޕަންޖާބު ސަރުކާރުން ގޮވާލައިފިއެވެ.

ގައުމުން ބޭރުގައި ހުންނަވައިގެން ސިއްހީ ފަރުވާ ހޯއްދެވުމަށް ނަވާޒަށް އަރުވާފައި މުހުލަތު އަދިވެސް އިތުރު ކުރެއްވުމަށް އެދި ހުށަހަޅުއްވާފައިވާއިރު، އެންމެ ފަހުގެ މެޑިކަލް ރިޕޯޓްތައް ބޭނުންވަނީ އެމައްސަލާގައި ގޮތެއް ނިންމުމަށް ކަމަށް ޚަބަރު ލިބެއެވެ.

28 ޖަނަވަރީ ވަނަ ދުވަހުގެ ތާރީޚުގައި ނަވާޒްގެ މައްޗަށް އަންގާފައިވާ އެންގުމަށް 72 ގަޑިއިރުގެ ތެރޭގައި އިޖާބައެއް ނުލިބިއްޖެނަމަ، ގައުމުން ބޭރުގައި ހުންނަވައިގެން ސިއްހީ ފަރުވާ ހޯއްދެވުމަށް އަރުވާފައިވާ މުއްދަތުގެ މައްސަލާގައި ގޮތް ނިންމާނީ، މީގެ ކުރިން ހުށަހަޅުއްވާފައިވާ މެޑިކަލް ރެކޯޑްތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް އެ އެންގުމުގައި ވަނީ ތަފްސީލުކޮށްދީފައެވެ.

ސިއްހީ ބޭސްފަރުވާއަށް ނަވާޒް ލަންޑަންއަށް ފުރާވަޑައިގަތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ހުއްދަ ދެއްވާފައިވަނީ ނަވާޒްއަށް އަރުވާފައިވާ 4 ހަފުތާގެ ކަފާލާތުގެ މުއްދަތުގައި ގައުމުން ބޭރަށް 1 ފަހަރު ވަޑައިގެންނެވޭ ހުއްދައެއްގެ ގޮތުގައެވެ. މި ހުއްދައިގެ މުއްދަތު ހަމަވެފައިވާއިރު، މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ނަވާޒް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކަންމިހެން އޮތްއިރު އިނގިރޭސިވިލާތުގެ ރެސްޓޯރަންޓެއްގެ ތެރޭގައި ނަވާޒް ޝަރީފު އިންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވުމުން، ނަވާޒްގެ ސިއްހީ ހާލުކޮޅުގެ 'ކްރިޓިކަލް' ކަމާ މެދު، ވެރިކަން ކުރާ ޕާކިސްތާނު ތަހްރީކީ އިންސާފު (ޕީޓީއައި)ގެ ސަރުކާރު ލީޑަރުން ގެންދަވަނީ ބޮޑެތި ސުވާލުތަކެއް އުފައްދަވަމުންނެވެ.

ނަވާޒް ޝަރީފާ އޭނާގެ އާއިލާގެ ބައެއް މެމްބަރުން ޖަލުގައި ހުކުމް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވަނީ ހިޔާނާތާ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކެއްގައި ކަމަށްވާއިރު، އެ ބޭފުޅުން ގެންދަވަނީ އެ ދައުވާތަކަކާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.