ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ސީދާ ރާއްޖެ ގެނެވެން އޮތީ އެހެން ގައުމެއްގައި ކަރަންޓީނު ކުރުމަށްފަހު ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ކޮމެޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެކި ސަރަހައްދުތަކުތައި 69 ދިވެއްސަކު އުޅެމުން އަންނަ ކަމަށެވެ.

އޭގެތެރެއިން ނުވަ ދިވެއްސަކު ޗައިނާގެ ވޫހާން ސިޓީގައި ދިރިއުޅެމުން އަންނަ ކަމަށާއި ރާއްޖެ އަންނަން ބޭނުންވެގެން ސަރުކާރުގައި އެދިފައި ވަނީ އެންމެ ހަތް މީހުން ކަމަށް ވިދާޅުވިއެވެ. އަދި އެ ހަތް މީހުން ރާއްޖެ ގެނައުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސަމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ އެމީހުން ރާއްޖެ ގެނެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އަންނަން ބޭނުންވާ ހަތް މީހުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. އިރާދަކުރެއްވިއްޔާ އެކަން ލަހެއް ނުވެ ކާމިޔާބު ވާނެ. އެމީހުން މި ގެންނަނީ ސީދާ ރާއްޖެއަށް ކަމަށް ނުވާތީ އެ ގެންދެވޭ ގައުމެއްގެ ޕަބްލިކް ހެލްތު އުސޫލުތަކެއްގެ މަތިން ކުރަންޖެހޭ ކަރަންޓީނެއްގެ މުއްދަތު ނިންމާފައި ނޫނީ ރާއްޖެ ގެނެވޭކަށް ނެތް،" ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މިފަދަ އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނީ ބޭރުގެ ކޮންމެވެސް ގައުމަކާއި ގުޅިގެން ކަމަށެވެ. އެކަން އެހެން އޮތް ނަމަވެސް ވޫހާންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ލަސްތަކެއް ނުވެ ގެންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށާއި އެ ހަތް މީހުންގެ އާއިލާތަކަށް މިނިސްޓަރު ޝާހިދު ވަނީ ދެއްވާފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ވޫހާން ސިޓީ އެއްކޮށް އޮތީ "ލޮކްޑައުން" ކޮށްފައިކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ އެތަނުގައި ތިބި ދިވެހިންނަށް މިހާރުވެސް ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ކާބޯތަކެތި ވެސް ވަރަށް ބޮޑުތަނުން މައްޗަށް އުފުލިފައިވާ ކަމަށާއި އެކަމަށް ވެސް ސަރުކާރުން ހައްލުތަކެއް ހޯދައިދީފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެގުމުގެ މަތިން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ދުވަހަކަށް 50 ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށާއި އެ ފައިސާއަކީ ވޫހާންގައި ތިބި ދިވެހިންގެ ކެއުން ބުއިމަށް ދޭ ފައިސާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން ވަނީ މުހިއްމު ދެ ނިންމުމެއް ނިންމާފައެވެ. އެއީ ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ފްލައިޓުތަކުގެ ދަތުރު ވަގުތީ ގޮތުން މެދުކަނޑާލުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރެއް ދިވެހިންވެސް ރާއްޖެއިން ބޭރަށް ނުކުރުމަށް ނިންމާފައިވާ ނިންމުމެވެ.