ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވާ އިތުރު ދަތުރެއް ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ސަރުކާރުން ތިން ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަށް ނިންމާފައިވާ ކަަމަށާއި، ޗައިނާ އާއި އަދިވެސް ރޯގާ ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޗައިނާ އާއި އަދިވެސް މި ރޯގާ ފެތުރެމުންދާ ގައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް މިވަގުތަށް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރާ ކަމަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ހުއްޓާލުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައިވެސް ގުނޫތު ކިޔުމަށް ސަރުކާރުން މަޖުބޫރުކޮށް އަންގާފައިވާ ކަމަށެވެ.