ޗައިނާގައި ފެތުުރެން ފެށި ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖެއަށް އަންނަން ބުކިން ހަދާފައި ވާ ފަރާތްތަކުގެ ތެރެއިން 5000 ބުކިން މިހާތަނަށް ކެންސަލް ކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސަގައި މިނިސްޓަރު ވިދާޅުވީ، މިހާތަނަށް 5556 ބުކިން ކެންސަލް ކޮށްފި ކަމަށެވެ. މިއީ މި ހަފްތާގެ ތެރޭގައި ކެންސަލްވި ކަމަށް އިއުލާނު ކުރި އަދަދުގެ ދެގުނައެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މަންޒިލަކަށް ވާއިރު، މި ދުވަސްވަރު ބްކިންތައް ކެންސަލްވެގެން މިދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެންނެވެ.

ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީވެސް ޗައިނާއެވެ. އަދި މި ދުވަސްވަރަކީ، ޗައިނީސް ނިއު އިޔާ ކަމަށް ވާއިރު، ކޮންމެ އަހަރަކުވެސް މިދުވަސްވަރު ރާއްޖެއަށް ދަތުރު ކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އާންމުކޮށް ގިނައެވެ.

ކޮރޯނާ ވައިރަސް ރާއްޖެއާ އެންމެ ކައިރިން ސްރީލަންކާ އަދި އިންޑިއާއިން ފެނިފައި ވީ ނަމަވެސް، ރާއްޖެއިން ނުފެންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

ރާއްޖެ މިވަގުތު އޮތީ ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމަށްޓަކައި ތައްޔާރީ ހާލަތުގައި ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.