މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިދާގެގޮތުގައި 209 މިލިއަން ރުފިޔާ ހޯދައިފިއެވެ.

ބީއެމްއެލްއިން ބުނީ، މިއަދު ހާމަކުރި 2019 ވަނަ އަހަރުގެ ފަހު ކުއާޓާގެ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 209 މިލިއަން ރުފިޔާ އެކުންފުންނިން ހޯދާފައިވާ ކަމަށެވެ. އަދި ހިންގުމުގެ ހަރަދާއި އިންވެސްޓްމަންޓް އަދި ޕްރޮވިޝަން ޗާޖު އިތުރުވެފައިވީ ނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ވަނީ ރަނގަޅު ފައިދާއެއް ހޯދާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީ ގައި ހިފެހެއްޓިފައި ކަމަށެވެ. މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފައިކަމަށާއި، ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ވަނީ 962 މިލިއަން ރުފިޔާ ލިބިފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ހިންގުމުގެ ހަރަދާއި ޕްރޮވިޝަން ޗާޖު އިތުރު ވެފައިވާތީ މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށެވެ. އަދި ބޭންކުން ދޫކޮށްފައިވާ ލޯނުއިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ވަނީ 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއްލިބިފައިކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މި ކުއާޓާގައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފައެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖޭއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫގައި ބްރާންޗެއް ވަނީ ގާއިމްކޮށްފައެވެ.