ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުނު މީހުންނާ ދެކޮޅަށް އިރާގުގައި ހިންގާ ޝަރިޔަތްތައް ވަރުގަދަ ކުރުމަށް އެގައުމުން މަސައްކަތްތަކެއް ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، އެ ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެ ބަހުރި ކަމަށް އދއިން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

އިރާގުގައި ހަރަކާތްތެރިވާ އދގެ އެހީދޭ މިޝަން (އުނާމީ) އާއި އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓް ބުނާ ގޮތުގައި، އިންސާފުވެރި ޝަރީއަތެއް ހިންގަން ޖެހޭ އަސާސީ ފެންވަރަށްވެސް މި ޝަރީއަތްތަކެއް ނުފެތެއެވެ. ޓެރަރިޒަމްއާ ގުޅުންހުރި ޝަރީއަތްތަކުގައި އިންސާފުގެ އަސާސީ ފެންވަރަށްވެސް ކަންކަން ފުރިހަމަވެފައި ނުވާއިރު، ދައުވާ ލިބޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައި ވާކަންވެސް އދގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އިންސާނީ ހައްގުކާ ބެހޭ އދގެ އިސްވެރިޔާ މިޝޭލް ބެޝެލެޓް ވިދާޅުވީ، ޖިނާއީ އަދުލުގެ އިންސާފުވެރި ނިޒާމަކީ ޑިމޮކްރަސީގެ އަސާސެއް ކަމަށާ، އެއީ އިތުބާރާ ސައްހަކަން އުފައްދާ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މައި ތަޅުދަނޑީ ކަމަށެވެ.

އިރާގުގެ މުޅި އާބާދީ ނުރައްކަލުގެ ތެރެއަށް ވައްޓާލި ބަޔަކު ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށާ، އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބެންޖެހޭނެ ކަމަށް ބެޝެލެޓް ވިދާޅުވިއެވެ. ހަމަ މިއާއެކު، ދައުވާ ލިބޭ ފަރާތްތަކަކީވެސް އިންސާފުވެރި ޝަރީއަތެއް ހައްގުވާ ބައެއްކަމަށާ، އެކަމަށް ލާޒިމުކުރާ ޝަރުތުތަކަށް އިހުތިރާމު ކުރަން ޖެހޭނެ ކަންވެސް ބެޝެލެޓް ވަނީ ފާހަގަކުރައްވާފައެވެ.

އދއިން މިފަދަ ރިޕޯޓެއް އެކުލަވާލާފައިވަނީ އައިސިސް ހަނގުރާމަވެރިންނާ ދެކޮޅަށް، 2018 ވަނަ އަހަރު މޭ މަހުގެ 1 ވަނަ ދުވަހާ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު ކުރިއަށް ގެންދިޔަ 794 ޖިނާއީ ދައުވާގެ ޝަރީއަތްތަކަށް ބެލުމަށް ފަހުގައެވެ.