ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހުން ދިފާއުވުމަށް ގައުމުތަކުން ފިޔަވަޅު އެޅުމަށާ، އެ ރޯގާއަށް މުޅި ދުނިޔެވެސް ސަމާލުވެ އޮތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރުކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ސިއްހީ ކާރިސާތަކާ ބެހޭ މަޝްރޫއުގެ އިސްވެރިޔާ ޑރ މައިކް ރާޔަން ވަނީ، 2019-އެންކޯވްއާ ދެކޮޅަށް "ހަނގުރާމަ ކުރުމަށް މުޅި ދުނިޔެ އެލާޓްގައި" އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޑރ ރާޔަން ވަނީ، 2019އެންކޯވްއާ ގުޅިގެން ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ގޮންޖެހުންތައް ކިތަންމެ ގިނަވި ކަމުގައި ވީ ނަމަވެސް، ޗައިނާއިން ދެމުންދަނީ ފުރިހަމަ އިޖާބައެއްކަން ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.

2019-އެންކޯވްއަށް އެލާޓްވެގެން އޮތުމަށް ޑަބްލިއުއެޗްއޯއިން ގޮވާލާފައިވާއިރު، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިވެފައިވާ ކުށްލި ނުރައްކަލުގެ ހާލަތުގައި އޮތް ބަލިމަޑުކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް، މިއަދުގެ ފަހުގެ ވަގުތެއްގައި އެ ޖަމިއްޔާގެ އޮފިޝަލުން މަޝްވަރާ ކުރައްވާނެއެވެ.

ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރު ވިއްކަމުންދިޔަ ސީފުޑް ބާޒާރަކުން އުފެދި، ފެތުރެން ފެށި 2019-އެންކޯވް ވައިރަހުގެ އަސަރު، ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު 17 ގައުމަކުން ވަނީ ފެނިފައެވެ. އެކުވެރި އަރަބި އިމާރާތާ، އަވަށްޓެރި ސްރީލަންކާ އަދި ނޭޕާލްއިންވެސް މި ވައިރަހުގެ އަސަރު ފެނިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

2019-އެންކޯވް ޖެހިގެން މަރުވި މީހުންގެ އަދަދު 170 އަށް އަރާފައިވާ އިންފެކްޓް ވި މީހުންގެ އަދަދު ވަނީ 6000 އަށްވުރެ މައްޗަށް އަރާފައެވެ. މި ރޯގާއަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސީންއެއްވެސް ހޯދިފައި ނުވިނަމަވެސް، ބައެއް މީހުންނަށް ފަރުވާ ދީގެން ރަނގަޅު ކުރެވިފައިވާކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.