އިނގިރޭސިވިލާތުގެ ގައުމީ އެއާލައިންސް (ބްރިޓިޝް އެއާވޭޒް) އިން ޗައިނާއަށް ކުރާ ހުރިހާ ދަތުރެއް މެދުކަނޑާލައިފިއެވެ.
އިނގިރޭސިވިލާތުން ޗައިނާއަށް އަދި ޗައިނާއިން އިނގިރޭސިވިލާތަށް ބްރިޓިޝް އެއާވޭޒްއިން ކުރާ ސީދާ ދަތުރުތައް މެދުކަނޑާލާފައި މިވަނީ، ޗައިނާގައި އުފެދި، ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ރޯގާގެ ސަބަބުން ކަމަށް އެ އެއާލައިންއިންވަނީ ހާމަކޮށްފައެވެ.
ކަންމިހެން އޮތްއިރު، އިނގިރޭސިވިލާތުގެ ހާރިޖީ ވުޒާރާއިންވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ޗައިނާއަށް ނުކުރުމަށް ގޮވާލާ ޓްރެވެލް އެޑްވައިޒަރީއެއްވެސް އާންމުކޮށްފައެވެ.
2019-އެންކޯވް ވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާއިރު ޗައިނާގެ އިތުރުން 16 ގައުމަކުން މިހާރު ވަނީ މި ވައިރަސް ފެނިފައެވެ. ވައިރަހުގެ 'މަރުކަޒު'ގެ ގޮތުގައި ސިފަކުރަމުން އަންނަ ވޫހާން ސީޓީގައި ތާށިވެފައި ތިބި ބޭރު ގައުމުތަކުގެ އެތައް ސަތޭކަ މީހުންނެއް މިހާރު އެ ސިޓީއިން ބޭރަށް ނެރެފައިވާކަމަށްވެސް މިދަނޑިވަޅުގައި ލިބެމުންދާ ޚަބަރުތައް ބުނެއެވެ. މިއާއެކު، އިތުރު ސަރަހައްދުތަކަކަށް ނުވަތަ ގައުމުތަކަކަށް މި ވައިރަސް ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިދަނޑިވަޅުގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ވޫހާންގައި ތާށިވެފައިވާ އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ އަމިއްލަ ވަޒަނަށް ގެންދިއުމުގެ މަސައްކަތް ގައުމުތަކުން ކުރަމުންދާއިރު، އޮސްޓްރޭލިޔާއިންވަނީ ޗައިނާއިން އަންނަ އެގައުމުގެ ރައްޔިތުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.
ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ވަނީ، 2019-އެންކޯވް ރޯގާގެ ނުރައްކާ، އޭގެ މަތީ ފަންތިއާ ހިސާބަށް ދިއުމަށް އަދި 10 ވަރަކަށް ދުވަސް ހޭދަވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
2003 ވަނަ އަހަރު ފެތުރިގެންދިޔަ ސާސް ރޯގާއާއި އިންފްލުއެންޒާގެ އެކި ރޯގާތަކާ އެއްގޮތަށް 2019-އެންކޯވްގެ ނުރައްކާވެސް އެންމެ ބޮޑީ ދޮށީ އުމުރުގެ މީހުންނާ، އެކި ކަހަލަ ބަލިމަޑުކަން ތަހައްމަލު ކުރާ މީހުންނަށެވެ. މި ވައިރަހުން ދިފާއުވުމަށް ވެކްސީންއެއް ހޯދިފައި ނުވާއިރު ކަނޑައެޅިގެން ވަކި ފަރުވާ އެއްވެސް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މި ވައިރަހުގެ އަސަރު ކުރި ބައެއް މީހުންނަށް ފަރުވާކޮށް، ރަނގަޅުވެފައިވާ ޚަބަރުތަކެއްވެސް މިހާރު ވަނީ ލިބެން ފަށާފައެވެ.
ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ ނުވަތަ 2019-އެންކޯވްއިން ސަލާމަތްވުމަށް ދިވެހިރާއްޖެއިންވެސް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ. މިކަމާބެހޭ ގޮތުން މައުލުމާތު ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ، މިކަމާ ގުޅިގެން ރާއްޖޭގައި އަޅާ ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަޅާ ފިޔަވަޅުތައް ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވަނީ ވަކިން ހާއްސަކޮށް، އިނގިރޭސިވިލާތުގެ މިސާލުން މިސާލު ޖައްސަވާފައެވެ.