2019-އެންކޯވް ވައިރަހުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އެސަރަހައްދުން ނެރުމުގެ ހުއްދަ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދީފައިވާކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޗައިނާއިންވަނީ ވޫހާން ސިޓީ ހިމެނޭ ސަރަހައްދު ކަރަންޓީން ކޮށް، އެސަރަހައްދުން ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލާފައެވެ. މިއާއެކު އެކި ގައުމުތަކުން ދަނީ އެ ސިޓީގައި ތާށިވެފައިވާ އެގައުމުތަކުގެ ރައްޔިތުން އެ ސަރަހައްދުން ނެރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އިންޑިއާގެ ހާރިޖިއްޔާއިން ކުރި މަސައްކަތުން، ވޫހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެސަރަހައްދުން ނެރުމުގެ ހުއްދަ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދީފައިވާއިރު، އެމީހުން އަނބުރާ އިންޑިއާއަށް ގެނައުމަށްޓަކައި އެއާ އިންޑިއާގެ ފްލައިޓެއް ވަރަށް އަވަހަށް ވޫހާންއަށް ދަތުރުކުރާނެ ކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ 250 އެއްހާ ދަރިވަރުން ވޫހާން ސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުންވެސް ވަނީ މިހަފުތާ ތެރޭގައި އެގައުމުން ވޫހާންގައި ތާށިވެފައިވާ 500-1000 އެއްހާ މީހުން އަނބުރާ ފަރަންސޭސިވިލާތަށް ގެންދާނެ ކަމަށް ބުނެފައެވެ.

ޗައިނާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސުން ވީޑޯންގް ވިދާޅުވީ، ވޫހާންގައި ތިބި އެހެން ގައުމުތަކުގެ ރަށްވެހިން އަނބުރާ އެ ގައުމުތަކަށް ގެންދިއުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ލަފާނުދޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައު ހަމަޖެހިގެން އޮތުމަށްވެސް ޗައިނާ ސަފީރު ވަނީ ގޮވާލައްވާފައެވެ.