މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާގެ އާ ރޯގާ ޖައްސާ (2019-އެންކޯވް) ވައިރަސް، ފުރަތަމަ ފަހަރަށް ޗައިނާއިން ބޭރުގައި އުފައްދައިފިއެވެ.

ޗައިނާއިން ބޭރުގައި 2019-އެންކޯވް އުފައްދާފައި ވަނީ އޮސްޓްރޭލިޔާގެ ސައިސްވެރިންތަކެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިއީ އަދި މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ވެސް ފެނިފައިވާ، އަދި ބަލީގެ އަސްލުވެސް ދެނެގަނެވިފައި ނުވާ ނުރައްކާތެރި ވައިރަހާ ގުޅިގެން ހޯދުނު މުހިންމު ހޯދުމެކެވެ.

އޮސްޓްރޭލިއާގެ ސައިންސްވެރިންގެ ހޯދުންތައް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އާއި ހިއްސާކުރާނެ ކަމަށް ޚަބަރު ލިބެއެވެ. މިއީ 2019-އެންކޯވް ރޯގާ ދެނެގަނެވި، އެ ވައިރަހަށް ފަރުވާ ހޯދުމަށް ލިބިގެންދާނެ ބޮޑު އެހީއެއް ކަމަށް ބެލެވެއެވެ.

ޗައިނާގެ ސައިންސްވެރިން ތަކެއް ވެސް މީގެ ކުރިން ވަނީ ލެބެއްގައި މި ވައިރަސް އުފައްދާފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހިއްސާކޮށްފައިވަނީ ވައިރަހުގެ ޖެނޯމް ސީކުއަންސް އެކަންޏެވެ.

ޗައިނާއިން 4500 އަށްވުރެ ގިނަ މީހުންނަށް މި ރޯގާ ޖެހިފައިވާއިރު، ޗައިނާއިން ބޭރުން 15 ގައުމަކުން މިހާރު ވަނީ މި ވައިރަހުގެ އަސަރު ފެނިގެން ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ނޭޕާލްއާއި ސްރީލަންކާވެސް ހިމެނެއެވެ.

އޮސްޓްރޭލިއާގެ މެލްބަންގެ ދިރާސާ ޓީމަކުން ކުރި މަސައްކަތުން، މި ވައިރަހުގެ ނަކަލެއް ވަނީ އުފެއްދިފައެވެ. އެ ޓީމުން ބުނާ ގޮތުގައި އެ މީހުން މި ނަކަލު އުފެއްދީ، 2019-އެންކޯވްގެ އިންފެކްޝަން ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ވައިރަހުގެ ސާމްޕަލް ނަގައިގެންނެވެ. މި ސާމްޕަލް އެ ޓީމަށް ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށް މައުލޫމާތު ލިބެވެ.

އޮސްޓްރޭލިއާގެ ޕީޓާ ޑޮހާޓީ އިންސްޓިޓިއުޓް ފޮރ އިންފެކްޝަން އެންޑް އިމިއުނިޓީގެ ޑރ މައިކް ކެޓޮން ބުނީ، މިފަދަ ކަމަކަށް އެ ޓީމުން ތައްޔާރުވެ، ރާވަމުން އަންނަތާ އަހަރުތަކެއް ވެފައިވާކަމަށެވެ. އަދި މިހާ އަވަހަށް ޖަވާބުތަކެއް ލިބޭ ގޮތް ވެފައިވަނީ އެ ސަބަބާ ހެދި ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 2019-އެންކޯވް އަކީ ވައިރަހުގެ އަސަރުކުރާ ފުރަތަމަ ދުވަހާ 14 ދުވަހުގެ ތެރޭގައި އަލާމާތްތައް ނުފެނިވެސް އެހެން މީހުންނަށް ވާރުތަވުމުގެ ބާރު ލިބިފައިވާ ވައިރަހެކެވެ. ނަމަވެސް ވައިރަހުގެ އަސަރުކޮށްފައިވާ މީހެއްގެ ހަށިގަނޑުން އަލާމާތްތައް ފެންނަން ފެށުމުގެ ކުރިން އެހެން މީހެއްގެ ގަޔަށްމި ވައިރަސް ވާރުގަދަ ކޮށްފާނެ ކަމުގެ މައުލޫމާތު އަދި ކަށަވަރު ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.

2019-އެންކޯވްގެ އިންކިއުބޭޝަން މުއްދަތު ނުވަތަ ވައިރަހުގެ އަސަރުކޮށް ނިޝާން ފެނުމާ ދެމެދު ހޭދަވާ މުއްދަތަކީ 1-14 ދުވަހާ ދެމެދު މުއްދަތެއް ކަމަށް ޗައިނާއިން ބުނާއިރު، ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި މިއީ 2-10 ދުވަހާ ދެމެދުގެ މުއްދަތެކެވެ.

މިކަމާބެހޭ އިތުރު މައުލޫމާތުތައް ކަށަވަރު ވަމުންދާނީ އޮސްޓްރޭލިއާއިން ނަކަލުކުރި ވައިރަހުގެ ތަފްސީލުތައް އާންމުކުރުން ކަމަށް ބެލެވެއެވެ.