ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ހޫނު ރައްދެއް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދެއްވައިފިއެވެ.

މި ސަރުކާރަށް ފާޑުވިދާޅުވެ ގާސިމް ދެއްކެވި ވާހައަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލިސް ތެރޭގައި އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުދޭ ކަމަށެވެެ. އެގޮތުން މަޖިލީހުގައި ވޯޓަށް ހުށަހަޅާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މުޅިންވެސް ވޯޓު ދެއްވަނީ އެމްޑީޕީއާ ދެކޮޅަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެފަދައިން ވޮޓި ދެއްވުމަށް ފަހު ކޯލިޝަންގެ ވާހަކަ ދެއްކުން ހައްގު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރުމާއި އެޕާޓީގެ ނަމުގައި ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންގެ ފޯމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން އުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައި ވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ތެރޭގައި ބޮޑެތި ހަމަނުޖެހުން ހިނގާއިރު ވެސް ސާބިތުކަމާއެކީގައި ކެތްތެރިކަމާއެކީގައި ރައީށް ކުރިޔަށް ގެންދަވާތީ އެކަމާ އުފާކުރައްވާ ކަމަށް ވެސް ގާސީމް ވަނީ ވިދާޅުވެފައެެވެ.

ގާސިމްއާއި ޝަރީފާ ދެމެދުގައި މީގެ ކުރިންވެސް ވަނީ ދެބަސްވުންތަކަކާއި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގައި މަޖިލިސް ތެރޭގައި ޝަރީފް ވަނީ ގާސިމަށް "ސޭޓު" ގެ ނަމުން މުހާތަބު ކުރައްވާފައެެވެ. އަދި ގާސިމް އަތް ހޫރާލެއްވި ވަގުތު ޝަރީފްގެ އިސްތަށިފުޅުގައި ޖެހި ޝަރީފުގެ ބޮލަށް އެނބުރުން އަރައިވަޑައިގަތުމުން ވަނީ ސިއްހީ ފަރުވާ ހޯއްދަވާފައެވެ.

މިމައްސަލައާ ގުޅިގެން ގާސިމާ ހަވާލާ ދެއްވާ ބައެއް މެންބަރުން ވިދާޅުވީ، އަތް ހޫރާލެއްވި ވަގުތު އިބްރާހިމް ޝަރީފުގެ އިސްތަށިފުޅުގައި ގޮސް ޖެހިލީ ކަމަށާ، ނުޖައްސަވާ ކަމަށެވެ. އަދި އިބްރާހިމް ޝަރީފަށް އެނބުރުން އެރީ ލޭ މައްޗަށް ދާތީ ކަމަށް ގާސިމާ ހަވާލާދީ އެ މެންބަރުން ބުނެފައިވެއެވެ.