ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލަ މިދިޔަ ޑިސެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 66 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، ޖިންސީ ހާނިއްކައިގެ 27 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 14 މައްސަލަ، ގެވެށިެަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުން 8 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުން ކުރުމުގެ އަށް މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 17 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމާއި، ވެކްސިން ނުދިނުމާއި، އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ މައްސަލަތައް ހިމެނެއެވެ. އަދި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނެގެއްދުމާއި ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލަތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަޖުބޫރުން ކައިވެެނި ކުރުވުމުގެ އެއް މައްސަލަ ހިމެނެއެވެ.

އާއިލީ 30 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 20 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ ނުަވަ މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވި އެއް މައްސަލައެއް ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތް މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށާއި، އޭގެ ތެރޭގައި އަމުރަށް ނުކިމަންތެރިވުމުގެ މައްސަލައާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައާއި ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތަ ހިމެނެއެވެ. މިދިޔަ މަހު، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 13 މައްސަލަ ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ހަތް މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލަ މިދިޔަ ޑިސެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 18 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައި ވެއެވެ. މީގެ އިތުރުން، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލަ، އިހުމާލުވުމުގެ ދެ މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ އެއް މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ހަ މައްސަލަ، ރޭޕް ކުރުމިގެ ދެ މައްސަލަ ހިމެނެއެވެ. އަދި އިހުމާލުވުމުގެ މައްސަލައަކާއި، ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް، މުދާ ހިފެހެއްޓުމާއިި މުދަލައް ގެއްލުން ދިނުމުގެ މައްސަލައެއްގެ އިތުރުން މާލީ ނުވަތަ އިގްތިސޯދޫ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 33 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 27 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ދެ މައްސަލަ ހިމެނެއެެވެ.

މީގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ ތިން މައްސަލަަ މިދިޔަ މަހުމިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.