ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

ސިއްރު ހެކިނބަސް ނެގުމުގެ އާ އުސޫލެއް އައީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރި ހުކުމްގަ އެވެ. ފޯނު ނުދިން މައްސަލާގައި އަބްދުﷲ ސައީދަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ހެކި ބަހަށް ވެސް ރިއާޔަތްކޮށެވެ. އަބްދުﷲ ސައީދު ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހެކި ބަސް ނަގާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީއަތެއްގައި، ޝަރީއަތުގެ މަޖިލީހަށް އެ މީހަކު ހާޒިރުކޮށް، ހުވައިމަތީގައި އެ މީހުންނާ ސުވާލުކޮށްގެނެވެ. 149 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަން ވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

އިއްޔެ ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ. ހެއްކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

ހައިކޯޓު ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށެވެ. "ސިއްރު ހެކި 1، ސިއްރު ހެކި 2" މި ގޮތަށް ނަން ދީގެން އަބްދުﷲ ސައީދުގެ މައްސަލާގައި ހެކި ބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ކަނޑައެޅިއެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އިޖުރާތު ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއި ގާނޫނުގެ 119، 131 އާއި 134 ހިމަނައި، ހައިކޯޓުގެ އިއްޔެގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ހުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.