އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ކުރީގެ ނައިބުރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބާ ބައްދަލު ކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީޑީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފަ އިވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް އިއްޔެގެ ވަގުތެއްގައި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެބައްދަލުވުން އިންތިޒާމު ކޮށްފައި ވަނީ ރަސްމީކޮށް ދިވެހި ސަރުކާރުގައި އެދިގެން އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ކަމަށެވެ.
އެމްޓީޑީން ބުނީ ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް މިހާރު ޝަރީއަތުގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ގުޅޭ ގޮތުން އަދީބު ވަނީ އެ ވަފުދާ މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން ތަސްދީގު ކޮށްފައިވާ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވާނެ ކަމުގައި އެޕާޓީން ބުންޏެވެ.
އަދި އެމްޓީޑީން ކުރާ އުންމީދުތަކާ ބެހޭ ގޮތުން ހިއްސާ ކުރެވުނު ކަމަށާއި، އެ ޕާޓީއަކީ މިނިވަންކަމާއި ހައްގުތަކަށް މަސައްކަތް ކުރާ ޕާޓީއެއް ކަމުގައި އަދީބު ވިދާޅުވި ކަމުގައިވެސް އެޕާޓީން ބުނެފައި ވެއެވެ. އަދި އެމްޑީޓީ އަކީ ހައްދުފަހަނަ އަޅާފައި ތިބި މީހުން ނުވަތަ ހަރުކަށި ފިކުރާއި، ހިޔާލުތަފާތުވުމަށް އެއްބާރުލުން ދޭ ޕާޓީއެއް ނޫން ކަމަށް އެ މަޝްވަރާގައި ވިދާޅުވެފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތް ބޭއްވުމަށް އިއްޔެ ކުރިމިނަލް ކޯޓްގައި ތާވަލު ކުރިނަމަވެސް އެ ޝަރީއަތް ވަނީ ކެންސަލް ވެފައެވެ. އަދީބުގެ މައްޗަށް މިފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހަތް ދައުވާއެއް އުފުލިއެވެ. އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.
މި ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ. އެ ދައުވާތައް އުފުލާފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.