ޗައިނާގެ ވޫހާން ސިޓީގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ރާއްޖޭގެ އެއާޕޯޓުން އެތެރެވެއްޖެ ނަމަ އެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޮރޯނާވައިރަސްއަށް ސްކްރީން ކުރެވޭނެހެން އެއާޕޯޓުގައިވަނީ ތާމަލް ކެމެރާތައްވެސް ބަހައްޓާފަކަމަށާއި، ކޮރޯނާ ވައިރަސްހަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ރާއްޖޭގެ އެއާޕޯޓުން އެތެރެވެއްޖެ ނަމަ އެކަމަށް ފުރިހަމައަށް ތައްޔާރުކަމަށް ފަސިންޖަރުންނަށާއި، އެއާޕޯޓުގެ ސްޓާފުން އަދި ރައްޔިތުންނަށްވެސް ޔަގީންކަން އަރުވާކަމަށެވެ.

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެއާޕޯޓުގައި ސްކްރީނިންގް ފެށުމާއެކު ތާމަލް ކެމެރާއިން ހުން އަންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަކީ އެކި ގައުމުތަކުން މީހުން ޒިޔާރްތަކުރާ ގައުމެއް ކަމަށާއި ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތަައް އިސްކަން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެނަމަ ފުނަދޫ އަކީ ވައިރަސް ޖެހިފައިވާ މީހުން އެކަހެރި ކޮށްފައި ބައިތިއްބާ ރަށުގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ. އަދި ފުނަދޫގައި ހުސްކޮށް ހުރި ޖާގަތައް މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެބަލި ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ނުވަތަ ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާ ގުޅިގެން ޓެސްޓްތައް ހެދުމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދަވާ ކަމަށެވެ. އަދި ޓެސްޓަތައް ހެދުމަށް ފޮނުވަން ހަމަޖެހިފައި ވަނީ ހޮންގޮކޮންގް އަދި ނެދަލޭންޑަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގައި ގާނޫނާ ހިލާފަށް ހިންގަމުންދިޔަ ސީފުޑް ބާޒާރަކުން ފެންމަތިވި ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ (2019-އެންކޯވް)ގެ އަސަރުކޮށްގެން އެގައުމުން މަރުވި މީހުންގެ އަދަދު 80 ވަނީ އަރާފައެވެ. ޗައިނާގެ ބޭރުން 12 ގައުމަކުން މި ވައިރަހަށް ޕޮޒިޓިވް މީހުން ވަނީ ފެނިފައެވެ. މިވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުން ތިބިކަން މިހާތަނަށް ކަށަވަރުކޮށްދީ، ހާމަކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، ޖަޕާން، ދެކުނު ކޮރެޔާ، ޓައިވާން، ވިއެޓްނާމް، ސިންގަޕޫރު، ނޭޕާލް، ފަރަންސޭސިވިލާތް، އޮސްޓްރޭލިޔާ، މެލޭޝިއާ، ކެނެޑާ އަދި އެމެރިކާ ހިމެނެއެވެ.