ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފިއެވެ.
އޭނާ މިނިވަން ކޮށްފައި ވަނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި ހުކުމުގައި، ފޯނު ނުދިނުމަކީ ކުށެއް ނޫން ކަމަށާއި، ސިއްރު ހެކިބަސް ނެގުން ގޯސް ކަމާށް އަދި ވަކީލު ކަމުގެ ހުއްދަ ބާތިލު ކުރުން ވެސް ގޯސް ކަމަށް ކަނޑައަޅާފައިވެއެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތުގެ ތުހުމަތުތަކާ ގުޅޭ ހެކި ފޯނުގައި ހުންނާނެ ކަމަށް ބެލެވޭތީ ފޯނު ދޭން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެއެވެ. ނަމަވެސް، އެ ފޯނުގައި ހެކި ހުރިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތްއިރު، އެއީ ކޮން ފޯނެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ހުށަހަޅާފައި ނެތް ކަމަށް މިއަދު އިއްވި ހުކުމުގައި ބުނެފައިވެއެވެ. އަދި މީހަކު ގެެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެ ނޫން ވެސް ސަބަބެއް މެދުވެރިވެގެން އެ މީހަކު ގެންގުޅޭ ފޯނެއް ދެވެން ނެތުމަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ކުށެއް ކަމުގައި ބެލެވެން ނެތް ކަމަށް ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވިއެވެ.
ދަށު ކޯޓުން އިއްވި ހުކުމް ބާތިލު ކުރުމަށް ހައި ކޯޓުން ހުކުމްކޮށްފައިވާއިރު އެ ހުކުމުގައި، މި މައްސަލާގައި ސިއްރު ހެކިންގެ ހެކިބަސް ދަށު ކޯޓުން ނެގީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެފައިވެއެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކެއްގައި ކަމަށް ވާއިރު، މިހާރު އަމަލުކުރާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމުގެ ވާހަކައެއް ބަޔާން ކޮށްފައި ނެތްކަން އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސިއްރުން ހެކިބަސް ނަގާ ހާލަތުގައި ވެސް ސިއްރު ހެކިންގެ އަދުލުވެރިކަން ކަށަވަރު ކުރަން ޖެހޭއިރު، އަބްދުﷲ ސައީދާ ދެކޮޅަށް ހުށަހެޅި ސިއްރު ތިން ހެކިންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތެއް އެނގެން ނެތް ކަމަށް ވެސް ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ކަނޑައެޅިޔަސް، އެގޮތަށް ކަނޑައެޅި ސަބަބެއް އެ ހުކުމުން އެނގެން ނެތް ކަމަށެވެ. އަދި އެއީ މައްސަލާގެ ބާވަތަށް ބަލާއިރު އެއްވެސް ގުޅުމެއް ނެތް އަދި އެކަށީގެންނުވާ އަމުރެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ. މީގެ އިތުރުން ދަށު ކޯޓުން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީން ތުހުމަތު ކުރެވޭ މީހުންނަށް ލިބިދޭ ހައްގުތައް އަބްދުﷲ ސައީދަށް ފޯރުކޮށްދިން ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އަބްދުﷲ ސައީދު އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2018 ވަަނ އަހަރު ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އޭނާ ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެއެވެ. އޭރު އޭނާގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެ މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ޖަލު ހުުކުމް އިއްވިއެވެ. ނަމަވެސް، އެ ދެ ބޭފުޅުންގެ ހުކުމް ހައި ކޯޓުން ވަނީ މީގެ ކުރިން ބާތިލްކޮށްފައެވެ.