ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި ހައްޔަރު ކުރި 80 އަހަރުގެ ފިރިހެން މީހާގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިހުގެ 12 ވަނަ ދުވަހެވެ. އަދި އެމީހާ ވަނީ މި މަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. ފުރަތަމަ އެމީހާގެ ބަންދުގެ މުއްދަތަށް 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު މި މުއްދަތު ހަމަވުމުން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުކޮށްފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ދެކުނުގެ ރަށަކުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 80 އަހަރުގެ އުމުރުން ދުވަސްވީ މީހެއްގެ ބަންދުގެ މުއްދަތަށް 7 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު ޖަހާފައި ވަނީ މި ދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ރަށު ކައުންސިލުން ބުނީ، 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރި 80 އަހަރުގެ ފިރިހެން މީހާއަކީ ކުރިންވެސް އެކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އަދި މީގެ ކުރިންވެސް އމީހާގެ އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެރަށުގެ މީހަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެމީހާއަކީ ރަށުގައި މަގުމަތިން ފެންނަ ކުދިންނާ ބެހޭ މީހެއް ކަމަށެވެ. ނަމަވެސް އޭނާ މިކަން ކުރަނީ އެ ސަރަހައްދުގައި ބޮޑު މީހަކު ނުހުންނަ ވަގުތު ބަލާފައި ކަމަށެވެ. ރަށަކީ ކުޑަ އާބާދީއެއްގެ ރަށެއް ކަމުން އެހާ ގިނަ މީހުން އެރަށުގައި ނުޅޭތީ މަގުމަތިންވެސް މީހުން ފެންނަލެއް ވަރަށް މަދުވާނެ ކަމަށާއި އޭނާ ކުރިންވެސް މައްސަލައެއްގައި ގެންދިޔަކަން އެނގިފައި ވާކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ މާ ބޮޑު ހެއްކެއް ނެތުމުން ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެމީހާ ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ގެ މައްސަލައިގައި މި މަހުގެ ތެރޭގައި އެތައް މަސަލައެއް ފެންމަތިވެފައިވާ އިރު އެފަދަ މައްސަލަތަކުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަންވެސް ފާހަގަކުރެވެއެވެ. 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯީނާ ކުރިކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ މައްސަލައިގައި އިހުމާލުވުމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަވެސް ވަނީ އެދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، ދެކުނުގެ ރަށެއްގައި 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 56 އަހަރުގެ ފިރިހެނެއް (އެ ކުއްޖާގެ ބޮޑުދައިތަގެ ފިރިމީހާ) ވެސް ވަނީ މި މަހުގެ 18 ވަަނަ ދުވަހު ހައްޔަރުކޮށްފައެވެ. ހަމައެއާއެކު 12 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި 28 އަހަރުގެ ފިރިހެނެއް (ކުދިންގެ ޅިއަނު) ވަނީ މި މަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި 3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 76 އހަަރުގެ ފިރިހެނެއްވެސް މިމަހުގެ 22 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.