ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފައިވާ ސްކޫލްތަކުގެ ތެރޭގައި ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ.އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލް ހިމެނެއެވެ.

ސްކޫލުތަކުގައި ހިންގާ ސެން ކްލާސްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުދިންނަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް މަދުވުމެވެ. މި އެހީ އާއެކު ޖުމްލަ 300 އެއްހާ ކުދިން ކިޔަވަމުންދާ މި ކްލާސްތަކަށް ވަނީ ތައުލީމީ އާ އަހަރާއެކު ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިފައިވާ ކަމަސް ބޭންކުން ބުނެއެވެ. އަދި މި ތަކެއްޗާއެކު ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި އެކުލެވޭ ހާއްސަ ތެރަޕީތައް ދިނުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ސެން ކްލާސްތަކުގެ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް 300 އެއްހާ ކުދިންނަށް ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވަނީ މިކަމުގައި ސްކޫލްތަކުން ވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ބީއެމްއެލުން ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ފާއިތުވެދިޔަ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓޮރައިޒްޑް-ވީލްޗެއާ ހަދިޔާކުރުމާއި، ކުޅިވަރުގެ ހުނަރު ތަރައްގީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހިންގި ޕްރޮޖެކްޓްތައް ހިމެނެއެވެ. މީގެ އިތުރުން 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.